މަސްތުވާތަކެތި ގެންގުޅުނު މައްސަލައަކާ ގުޅިގެން އެމެރިކާގެ މަޝްހޫރު ސުޕަ މޮޑެލް ޖިޖީ ހަޑީޑް ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އާއި އެކުވެރިންތަކެއް މެރުއާނާ ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހު ކެރީބިއަންގެ ކޭމޭން އައިލޭންޑްސް އަށް ކުރި ޗުއްޓީ ދަތުރުގެ ތެރެއިން އޮވެން ރޮބަޓްސް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން އެ މީހުން ޗެކްކުރުމުގެ ތެރޭގައި ލަގެޖްތަކުން މެރުއާނާ ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ކަސްޓަމްސް އެންޑް ބޯޑާ ކޯންޓްރޯލްގެ ދަށަށް ޖިޖި އާއި އޭނަގެ އެކުވެރިން ގެންދިޔަ ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް ފަހުން ކަފާލާތުގެ ދަށުން އެ މީހުން ދޫކޮށްލާފައިވާ ކަމަށާއި ދޫކޮށްލި އިރުމ ކޮންމެ މީހަކު 1،000 ޑޮލަރުން ޖޫރިމަނާކުރި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ޖިޖީ، 28، އަކީ އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރު ޒޭން މާލިކްގެ ދަރިފުޅުގެ މަންމަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޖިޖީ އާއި "ޓައިޓޭނިކް" ގެ ބަތަލު ލިއޮނާޑޯ ޑި ކެޕްރިއޯ ހިތާވެގެން އުޅުނުކަމުގެ އަޑުތަކެއް ވެސް ވަރަށް ގަދައަށް އެރި އެވެ.
މިހާރު އެމެރިކާގެ އެންމެ މަޝްހޫރު މޮޑެލުންގެ ތެރޭގައި ހިމެނޭ ޖިޖީ އަކީ، މަޝްހޫރު މޮޑެލް ބެލާ ހަޑީޑްގެ ދައްތަ އެވެ.