ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އަށް އިންގިލާބީ ބަދަލެއް ގެނުގައި ދިން ކާމިޔާބު ފިލްމު "ދެރިޔާ" އަށް މިއަދު 30 އަހަރުވެއްޖެ އެވެ. އަބްދުލް މުހައިމިން ޕްރޮޑިއުސްކޮށް، މުހައްމަދު ނިޔާޒު ޓެޑްރީ) ލިޔެ، ޑައިރެކްޓްކުރި ފިލްމުގެ މަސައްކަތް ފެށީ ޖުލައި 19، 1993 ގަ އެވެ.
"ދެރިޔާ" ބެލުންތެރިންނަށް ގެނެސްދިނީ ނޮވެމްބަރު 4، 1994 ގަ އެވެ.
އޭއެގެ މަސައްކަތް ފެށިތާ މި އަހަރަށް 30 އަހަރުވުމާ ގުޅިގެން ޓެޑްރީގެ ފިލްމު ކުންފުނި، އިޓާނަލް ޕިކްޗާސްގެ ފޭސްބުކް ޕޭޖްގައި ފިލްމާ ގުޅުން ހުރި މުހިއްމު ބައެއް ވާހަކަތައް ހިއްސާކޮށްފައިވެ އެވެ. އޭގައި ބުނެފައި ވަނީ "ދެރިޔާ" އުފެއްދުމުގެ އަމަލީ މަސައްކަތް ފަށައިގަތީ ސޯޝަލް ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޖުލައި 19، 1993 ގަ އެވެ.
"މި ރަސްމިއްޔާތު ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ ހޮޓެލް އެލިޔާގެ ގޯތިތެރޭގައެވެ. އެހެންނަމަވެސް އުދުވަހު ހުއްޓާނުލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެންމެ ފަހު ވަގުތު ސޯޝަލް ސެންޓަރަށް ރަސްމިއްޔާތު ބަދަލުކުރީ އެވެ.
ދެރިޔާ ފެށުމުގެ ރަސްމިއްޔާތު ހުށަހަޅައި ދިނީ މުހައްމަދު ނަޝީދު [ކުރީގެ އިންފޮމޭޝަން މިނިސްޓަރު] އެވެ. މޫސުން ތަންނު ދިނަސް، މި ރަސްމިއްޔާތައް ބައެއް ފިލްމީ ފަންނުވެރިންނާއި، އެކުވެރިން، ރަހުމަތްތެރިން، ގާތްތިމާގެ މީހުންނާއި އަދި ފިލްމާއި ގުޅުންހުރި އިދާރާތަކުގެ ވެރިން ހާޒިރުވި އެވެ.
ދެރިޔާގެ މަސައްކަތް ފަށައި ދިނުމަށް ފުރަތަމަ ކުލެޕަބޯޑު ޖަހައި ދިނީ ޕްރޮޑިއުސަރު އަބްދުލް މުހައިމިންގެ ރަހުމަތްތެރި އަބްދުއްރަޝީދު ހުސެއިން އެވެ. މި ރަސްމިއްޔާތުގައި ދެރިޔާގެ ކާސްޓް އަދި ކުރޫ މެންބަރުން އިއުލާންކޮށް ތައާރަފްކުރިއެވެ. އަދި ރަސްމިއްޔާތު ނިމިގެން އޮތް ސައިގެ ވަގުތުގައި، ފުރަތަމަ ފަހަރަށް ދެރިޔާގެ ހުރިހާ ލަވަތައް އިއްވާލިއެވެ."

ޕޯސްޓްގައި ބުނެފައި ވަނީ "ދެރިޔާ" ގެ ފުރަތަމަ ޝޮޓް ރެކޯޑްކުރީ، އޮގަސްޓް 19، 1993 ވީ ބުރާސްފަތި ދުވަހު، ސްރީލަންކާގެ ނުވަރަ އެލިޔާއި އޮންނަ ކަންޑަ އެލަ ރެޒައްވާ ބްރިޖްމަތީގައި ކަމަށެވެ.
މި ފިލްމުގެ މައިގަނޑު ތަރިންނަކީ ކުރީގެ ދެމަފިރިން ކަމަށްވާ އަދި އައްޑޫ ހިތަދު އަށް ނިސްބަތްވާ އަލީ ހާލިދާއި ހައްވާ ޒާހިރާ އެވެ. "ދެރިޔާ" ގެ ކާސްޓްގައި ހައްވާ ރިޔާޒާ، ބިންމާ އިބްރާހީމް ވަހީދު، ރީކޯ މޫސާ މަނިކު، އާރިފާ އިބްރާހީމް، ކޮއްޔަ ހަސަން މަނިކު، އިބްރާހިމް ރަޝީދު އަދި މަރުޔަމް ވަހީދާ ހިމެނެ އެވެ.
"ދެރިޔާ" އަކީ 1995 ގައި ބޭއްވި ފުރަތަމަ ގައުމީ ފިލްމު އެވޯޑްސްގައި 10 ކެޓަގަރީއަކުން ނޮމިނޭޓްވެ ހަތް އެވޯޑް ގެންދިޔަ ފިލްމެކެވެ. އޭގެ ތެރޭގައި މޮޅު ފިލްމު، މޮޅު ޑައިރެކްޓަރު، މޮޅު އެކްޓަރު، މޮޅު ބަތަލާ، މޮޅު ސިނަމަޓޯގްރަފީ، މޮޅު އެޑިޓިން، މޮޅު ބެކްގްރައުންޑް ސްކޯ ހިމެނެ އެވެ.
މި ފަހުން ޓެޑްރީގެ އެއްވެސް ފީޗާ ފިލްމެއް ބެލުންތެރިންނާ ހަމައަކަށް ނާދެ އެވެ. އެކަމަކު އޭނަ އަންނަނީ މިދިޔަ އަހަރުން ފެށިގެން "ލަސްވިޔަސް" ގެ ނަމުގައި ފިލްމެއް ޑައިރެކްޓްކުރަމުންނެވެ.
"ދެރިޔާ" ބަލާލަން ބޭނުން ނަމަ ބައިސްކޯފުން ބަލައިލެވޭނެ އެވެ.