Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ވޯގްއާ އެކު ރާއްޖެ ޕްރޮމޯޓް ކުރަން ކެމްޕެއިނެއް

ވޯގް އާއި އެކު އެމްއެމްޕީއާރްސީ މާކެޓިންގް ކެމްޕެއިނެއް

ފްރާންސް މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މަޝްހޫރު ވޯގް މެގަޒިން އާއި އެކު ހާއްސަ މާކެޓިން ކެމްޕެއިނެއް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ މޭއި 30 ވަނަ ދުވަހު ފެށި ކެމްޕެއިން އެއް މަސް ދުވަހުގެ މުއްދަތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވޯގް މެގަޒިން ޑިޖިޓަލް އަދި ޕްރިންޓް އެޑިޝަންގައި ކުރިއަށް ގެންދިޔަ ކެމްޕެއިނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް ވަނީ ގެނެސްދީފައެވެ. އަދި ކެމްޕެއިންގެ އެންމެ މުހިންމު އަމާޒަކަށްވީ ފްރާންސް މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމެވެ.

ފްރާންސް މާކެޓުގައި މެދުކެނޑުމެއް ނެތި 90 އަހަރު ޚިދުމަތް ދެމުންދާ ވޯގް އަކީ ފެޝަން އަދި އެންމެ ފަހުގެ އެކި ޓްރެންޑްތައް ގެނެސްދޭ ދުނިޔޭގެ އެކި ކަންކޮޅުގައިވެސް މަޤްބޫލުކަން ހޯދާފައިވާ މެގަޒިންއެކެވެ. ވޯގް މެގަޒިންގެ އޮންލައިންކޮށް އެކި މަންސަތަކުގައި ބަލާ މީހުންގެ އަދަދު 8.9 މިލިއަނަށް އަރާއިރު، މީގެ ތެރެއިން 46 އިންސައްތަ މީހުންނަކީ ދަތުރުކޮށް އުޅޭ މީހުން ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ. އެމްއެމްޕީއާރްސީން ޤަބޫލު ކުރާގޮތުގައި ވޯގްއާއި އެކު ކުރިއަށް ގެންދެވުނު މި ކެމްޕެއިނާއެކު ފްރާންސްގެ ދަތުރުވެރިން ފުރަތަމަ ޢިޙްތިޔާރު ކުރާ މަންޒިލަކަށް ރާއްޖެ ވާނެއެވެ.

މިކެމްޕެއިންގެ ތެރެއިން ޕްރިންޓް މެގަޒިންގެ އެޕްރީލް މަހު ނެރުނު އަދަދުގެ ބޭރުގަނޑުގައި ރާއްޖެ ވަނީ އިސްތިހާރުކޮށްފައެވެ. އަދި އެޕްރީލް އަދަދުގެ ފޮޓޯ އިންސްޓަގްރާމް އަދި ފޭސްބުކްގައި ހިއްސާ ކުރެވުނު އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތަކުގެ ތެރެއިން އާއިލާ އަދި ލަގްޒަރީ ސެގްމެންޓު ވަރަށް ބޮޑަށް ވަނީ ޕްރޮމޯޓު ކޮށްފައެވެ. އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި އަދަދު 300،000 އަށް ވުރެ ގިނަ މީހުންނާއި ހިސާބަށް ފޯރާފައިވާ ކަމަށް ޔަޤީން ކުރެވިފައިވާ ކަމަށެވެ.

ފްރާންސް މާކެޓުގައި ކުރެވުނު ކެމްޕެއިނަށް ފަހު ޖުލައި 03 ވަނަ ދުވަހާއި ހަމައަށް، ބަލާއިރު ފްރާންސް އަކީ މިހާރު ރާއްޖޭއަށް ފަތުރުވެރިން އަންނަ ގަދަ 10 މާކެޓުގެ ތެރެއިން 8 ވަނައިގެ ހިމެނޭ މާކެޓެވެ. އެގޮތުން އަހަރުގެ މިހާތަނަށް 30،770 ފަތުރުވެރިން މި މާކެޓުން އައިސްފައިވާ ތަފާސްހިސާބުތަކާއި ހަވާލާދީ އެމްއެމްޕީއާރްސީން ބުނެއެވެ. އަދި މިހާރު އުއްމީދަކީ ކުރިއަށް ހުރި ދުވަސްތަކުގައި އަދަދު އެއްވަރެއްގައި އިތުރުވެގެން ދިއުމެެވެ.