Last Updated: July 23, 18:20
Friday, July 24, 2026
ޚަބަރު

ގަން އެއާޕޯޓްގައި ކެފެޓީރިއާއެއް ހިންގަން އަލުން ބީލަމަށް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރާންސިޓް ލައުންޖްގައި އޮތެންޓިކް މޯލްޑިވްސް ގާއިމުކުރަން ހަމަޖެހިފައިވާ އައުޓްލެޓްގައި ހިމެނޭ ކެފެޓީރިއާއެއް ހިންގާނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން މިކަން މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް ބީލަމަށްލި އެވެ.

އެ ކުންފުނިން ބުނީ ކެފޭޓިރިއާ ހިންގާނެ ބަޔަކު ހޯދަން އަލުން ހުޅުވައިލުމާ ގުޅިގެން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 25 ގައި އައްޑު އާއި މާލޭގައި ވެސް އޮންނާނެ އެވެ.

އެ ދުވަހުގެ މެންދުރު ފަހު 2:00 ގައި މައުލޫމާތު ދިނުން ކުރިއަށް ދާނީ މ. ކަނީރުވިލާގެ ފުރަތަމަ ބުރީގައި ހުންނަ ބީސީސީގެ އޮފީހުގަ އެވެ. އަދި އައްޑޫގައި މައުލޫމާތު ދިނުން އޮންނާނީ ހިތަދޫގައި ހުންނަ ބީސީސީގެ ބްރާންޗްގަ އެވެ.

ބީސީސީން ބުނީ ގަން އެއާޕޯޓްގައި ކެފެޓީރިއާ ހިންގަން ކުރިމަތިލެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ. މިކަމާ ބެހޭ މައުލޫމާތު މި ނަމްބަރު 3330587
އާއި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.