ހިންދީ ސިނަމާގެ ކުރީގެ ބަތަލާ މީނާ ކުމާރީގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން އުޅެނީ އާއިލާގެ އެއްވެސް ރުހުމެއް ނެތި ކަމަށާއި އެކަން ކުރަން އުޅެނީ "ވަގުންތަކެއް" ކަމަށް ބުނެ އެ މައްސަލާގައި ކޯޓަށް ދާނެކަމުގެ އިންޒާރު އާއިލާ އިން ދީފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީނާ ކުމާރީގެ ބައޮޕިކަކީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ޑައިރެކްޝަނަށް ނުކުންނަން ފިލްމެވެ. އަދި ފިލްމުގައި މީނާ ކުމާރީގެ ރޯލު ކުޅޭނީ ކްރިތީ ސެނަން އެވެ. ނަމަވެސް މި ވާހަކަ މަނީޝްގެ ފަރާތުން މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
އެކަމަކު މި ވާހަކަ މި ދުވަސްކޮޅު ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވެމުން އަންނާތީ މީނާ ކުމާރީ އާއި ޑައިރެކްޓަރު ކަމަލް އަމްރޯހީގެ ދަރިފުޅު ތަޖުދާރު އަމްރޯހީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ވާހަކަ ދައްކައިފަ އެވެ. ބޮލީވުޑް ހަންގާމާގައި އޭނަ ބުނީ މީނާ ކުމާރީގެ ފިލްމު ހަދަން ބަޔަކު އުޅެނީ އާއިލާގެ އެއްވެސް ހުއްދައެއް، ރުހުމެއް ނެތި ކަމަށެވެ.
"އެކަން ކުރަން އުޅެނީ ބަނގުރޫޓްވެފައިވާ ވަގުންތަކެއް. އަދި ގޮތެއްފޮތެއް ނެތް ބައެއް. އެހެންވީމަ ވަގަށް ކުރާ މަސައްކަތެއްގައި ހަގީގަތާ އެއްގޮތް އެއްވެސް ކަމެއް ނުހުންނާނެ. މީނާ ކުމާރީގެ ބައޯޕިކެއް އަހަރެމެންގެ ހުއްދަ ނެތި ނެހެދޭނެ. އޭނަގެ ވާހަކައިގައި ހަގީގަތް އެނގޭ ބަޔަކީ އަހަރެމެން." ތަޖުދާރު ބުންޏެވެ.

އޭނަ ބުނި ގޮތުގައި އާއިލާއެއްގެ ހުއްދަ ނެތި މީހަކަށް ބިނާކޮށް ފިލްމެއް ހަދަން ނޫޅެ، މީނާ ކުމާރީގެ ފިލްމު ހަދަން އުޅޭ މީހުން އެ މީހުންގެ އަމިއްލަ މައިންބަފައިންނަށް ބިނާކޮށް ފިލްމު ހެދިއްޔާ މާ ތާހިރުވާނެ އެވެ.
"އެހެންވީމަ މައްސަލާގައި އަހަރެމެން ކޯޓަށް ދާނަން. އެކަމާ ގުޅޭ ގޮތުން ލޯޔަރުންނާ އެބަ ވާހަކަ ދެކެވޭ." ތަޖުދާރު ބުންޏެވެ.
ވަރަށް ޒުވާން އުމުރުގައި ހިތްދަތި ދިރިއުޅުމަކާ ކުރިމަތިލާން ޖެހުނު މީނާ ކުމާރީ އަކީ "ޓްރެޖެޑީ ކްއީން" ގެ ގޮތުގައި ސިފަކުރާ ބަތަލާއެކެވެ. އުމުރުން އެންމެ 38 އަހަރުގައި 1972 ގައި މަރުވި ބަތަލާ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ބައިޖޫ ބަވްރާ"، "ދޯ ބިގާ ޒަމީން"، "ސާހިބު، ބީވީ އޯރް ގުލާމް" އަދި "ޕަކީޒާ" ހިމެނެ އެވެ.