Last Updated: July 25, 11:51
Saturday, July 25, 2026
މުނިފޫހިފިލުވުން

"ނޮވެމްބާ" އަށް 2024 ގައި އުންމީދު ކުރެވިދާނެ

ޑާކް ރެއިން އެންޓައިންމަންޓުން ބެލުންތެރިންނަށް ގެނެސްދިނުން ލަސްވެފައި އޮތް ފިލްމު "ނޮވެމްބާ" އަށް އަންނަ އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ފެނިދާނެ ކަމަށް އުންމީދު ކުރެވިދާނެ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.

ހުރިހާ މަސައްކަތްތަކެއް ނިންމާފައި އޮތް މި ފިލްމަކީ ކުރިން ޖުލައި 6، 2020 ގައި ރިލީޒްކުރަން ޕްލޭންކުރި ފިލްމެކެވެ. އެކަމަކު "ނޮވެމްބާ" ފަސްކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި އެ އަހަރު ކޮވިޑާ ހެދި އޮލިމްޕަސް ބަންދު ކުރުމާއި، ފަހުން ފިލްމުގެ ލީޑް އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) ގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ތުހުމަތު ހިމެނެ އެވެ.

ޑާކް ރެއިނުން "ޑްރީމް ޕްރޮޖެކްޓެއް" ގެ ގޮތުގައި ފެށި އަދި އެ ސްޓޫޑިއޯ އިން މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމުގެ ބަތަލާ އަކީ މަރިޔަމް މަޖުދާ (މަޖޫ) އެވެެ. މަޖޫ އާއި ޖުމަލް އަކީ މި ފަހުން ދިވެހި ސިނަމާގައި އެންމެ މަގުބޫލުވި ޖޯޑެވެ.

"ނޮވެމްބާ" ބެލުންތެރިންނަށް ގެނެސްދިނުން ލަސްވެ، އަދި ފިލްމު ރިލީޒްކުރާނެ ސީދާ އިރެއް ސުވާލުތަކެއްގެ ތެރޭގައި އޮތް އިރު މޮގާ މިއަދު ވަނީ އަންނަ އަހަރަށް ފިލްމަށް އިންތިޒާކުރަން އިޝާރާތެއް ދީފަ އެވެ.

"އަންނަ އަހަރުގެ ތެރޭގައި މި ގެނެސްދޭނެ ކަމަށް ބަލަމާ." އޭނަ "އައްޑޫ ލައިވް" އަށް ބުންޏެވެ.

މޮގާ ބުނި ގޮތުގައި މަޑުކޮށްލައިގެން މިހާރު ތިބީ ޖުމަލް ރޯލެއް ކުޅެފައިވާ އަދި އަންނަ މަހުގެ 6 ގައި ރިލީޒްކުރާ އައި ފިލްމްސްގެ "ނީނާ" އަށް ވާ ގޮތެއް ބެލުމަށާއި ޖުމަލް އަށް ކޮށްފައިވާ ދައުވާ ކޮޅެއްގައި ޖެހޭނެ އިރަކަށެވެ.

"ނޮވެމްބާ އަކީ އަހަރެމެން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓަކުން ހެދި ފިލްމަކަށްވެފައި މިހާތަނަށް ކުރި އެންމެ ބޮޑު މަސައްކަތަށްވާތީ މި ފިލްމު ރިލީޒްނުކުރެވި ލަސްވުމަކީ ހަގީގަތުގައި ވަރަށް ބޮޑު ގެއްލުމެއް،" އޭނަ ބުންޏެވެ. "އަސްލު މާލީ ގެއްލުމަކަށް ވުރެ ބޮޑަށް މިއީ ލިބޭ ދެރައެއް."

"ނޮވެމްބާ" އަކީ ސިންގަޕޫރްގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަންޒަރުތައް ނެގި ފިލްމެކެވެ. އޭގެ ތެރޭގައި އައްޑު އާއި ލ. އަތޮޅާއި ކ. އަތޮޅު ހިމެނެ އެވެ. މި ފިލްމުގައި ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހުގެ އިތުރުން ވެސް ބޮޑު ކާސްޓެއް ހިމެނެ އެވެ.

މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް "ނޮވެމްބާ" ޑައިރެކްޓްކުރީ އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދެވެ.