Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޤާސިމް، ނަޝީދު އަދި ނާޒިމް މިއަދު ބައްދަލުކުރައްވަނީ

ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޭޕީގެ މައި އޮފީސް، ކުނޫޒް ގައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މި ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ލިބިފައިނުވިނަމަވެސް، މި ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޤާސިމް މީގެކުރިން ވަނީ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ރައީސް ނަޝީދާވެސް މަޝްވަރާ ކުރައްވާފައެވެ. އަދި އިއްޔެ ވަނީ އެމްއެންޕީއާވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ

އިއްޔެގެ ބައްދަލުވުމަށްފަހު ޤާސިމް ވިދާޅުވީ، އެމްއެންޕީއާއެކު މަޝްވަރާ ކުރެވުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި އަދި 2024 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެކުގައި މަސައްކަތްކޮށް، މިއަދު ޤައުމަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި އެކަމާ ގުޅޭގޮތުން ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޖޭޕީން ރައީސް ނަޝީދަށް ތާއީދިކުރައްވާ ފަރާތްތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެ މަޝްވަރާތައް މަޑުޖެހުނީ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ މަސައްކަތްތައް ފެށުނު ހިސާބުންނެވެ.