Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

ބީޖޭޕީއާ ދެކޮޅަށް ބޮޑު އިއްތިހާދެއް އެކުލަވާލައިފި

އަންނަ އަހަރު ބާއްވާ އިންޑިއާގެ އާންމު އިންތިހާބާ ދިމާކޮށް އިދިކޮޅު 26 ޕާޓީއަކުން، ވެރިކަން ކުރާ ބީޖޭޕީއާ ދެކޮޅަށް އިއްތިހާދެއް އެކުލަވާލައިފި އެވެ.

މި އިއްތިހާދަށް ކިޔަން ނިންމާފައި ވަނީ އިންޑިއަން ނެޝަނަލް ޑިވެލޮޕަންޓަލް އިންކްލޫސިވް އެލަޔަންސް (އިންޑިއާ) އެވެ.

އިދިކޮޅު 26 ޕާޓީއެއް ގުޅިގެން އުފެއްދި އިއްތިހާދުގެ ލީޑަރުންނާ އެކީ މިހާރު އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން "އިންޑިއާ" ގެ ތިން ވަނަ ބައްދަވުމުން އިއްޔެ ބޭއްވީ މުމްބާއީގަ އެވެ. އެ ބައްދަލުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ސޯނިއާ ގާންދީ ވެސް ބައިވެރިވެރިވެވަޑައިގެންނެވި އެވެ.

އާ އިއްތިހާދުން ބާއްވާ މަޝްވަރާ ބައްދަލުވުންތަަކުގައި މިހާރު އެންމެ ބޮޑަށް މަޝްވަރާ ކުރެވޭ ކަންކަމުގެ ތެރޭގައި ޕާޓީތަކުން ގާނޫނު ހަދާ މަޖިލީހުގެ ދާއިރާތަކަށް ވާދަކުރާނެ ގޮތްތައް ކަނޑައަޅައި ޕާޓީތަކުން ވާދަކުރާނެ ދާއިރާތަކާއި ވާދަކުރާނެ ގޮނޑިތަކުގެ އަދަދު ކަނޑައެޅުން ފަދަ ކަންކަން ހިމެނެ އެވެ.

ބީޖޭޕީ ބަލިކުރަން ބޮޑު އިއްތިހާދެއް ހެދި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ މިހާރު ވެސް އޮތީ އެ ޕާޓީއަކަށެވެ. އެގޮތުން 2019 ގައި ބޭއްވި އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ 543 ގޮނޑީގެ ތެރެއިން 300 ގޮނޑި ތަމްސީލުކުރަނީ ހަރުކަށި ހިންދޫން ހިމެނޭ ބީޖޭޕީންނެވެ. އަދި އިންޑިއާގެ 15 ސްޓޭޓެއްގައި ވެރިކަން ކުރަނީ އެ ޕާޓީންނެވެ.