Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީއަކުން އެއްބަސްވެއްޖެ

ފޮޓޯ: އަހްމަދު އަންވަރު

ޕީޕީއެމްއިން ރުހޭނަމަ އެއް ކެންޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީ، ޑިމޮކްރެޓްސް އަދި އެމްއެންޕީއަށް އެއްބަސްވެއްޖެއެވެ.

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް، ރައީސް މުހައްމަދު ނަޝީދު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ކުނޫޒްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ނިކުމެވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، މަޝްވަރާކުރެވުނީ ޕާޓީތަކަށް ގުޅިގެން އެކީގައި އެއް ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރެގެން "މަސައްކަތް ކުރުމުގެ ފޯމިއުލާއެއް" އޮތްތޯ ބެލުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއްބަސްވެވިއްޖެ މިއަދު ތިން ޕާޓީންވެސް ވާހަކަ ދައްކައިގެން އަދި ޕީޕީއެމްއާ އެމްއާރްއެމްއާ ވެސް ވާހަކަ ދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން، އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމަށްވަންޏާ އެގޮތަށް ދިއުމަށް ތިން ޕާޓީގެ ރައީސުންނަށް އެއްބަސްވެވިއްޖެ." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިކަމުގައި ޕީޕީއެމް އަދި އެމްއާރްއެމްއާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެއްބަސްވެވޭނަމަ ރިޔާސީ އިންތިހާބަށް ދާން ބޭނުންވަނީ އެއް ކެންޑިޑޭޓެއް ގޮވައިގެން ކަމަށް ވިދާޅުވިއެވެ.

ބައްދަލުވުމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ވާހަކަ ދެކެވުނީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ހޯދުމަށް ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން އެއީ ވާހަކަތައް ކުރިއަށް ގެންދަން ރަނގަޅު ކަމެއްގެ ގޮތުގައި އެއްބަސްވެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޝްވަރާތައް ކުރިއަށް ގެންދެވި އެއްބަސްވެވޭ އެއް ކެންޑިޑޭޓަކާ އެކު އިންތިހާބަށް ނުކުމެވޭނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރުމުން ނޫސްވެރިއަކު ވަނީ ރައީސް ނަޝީދު ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރައްވާނެތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ތިން ޕާޓީން މިއަދު މިތަނުގައި މަޝްވަރާ ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަޝްވަރާތަކާ އެއްގޮތަށް ވާހަކަތައް ކުރިއަށް ގެންދެވި ހުރިހާ ބޭފުޅުންނަށްވެސް އެއްބަސްވެވޭ ކެންޑިޑޭޓަކާ އެކުގައި އަޅުގަނޑުމެންނަށް ނުކުމެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މަޝްވަރާއާ ގުޅޭގޮތުން އެމްއެންޕީގެ ރައީސް ނާޒިމް ވެސް ވިދާޅުވީ އެހެން ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު އެއްބަސްވެވޭ ކެންޑިޑޭޓެއް ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.