ޕީޕީއެމުން އެދެނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ނެރުމަށް ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
މިއަދު ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް ލީޑަރުން ކުނޫޒުގައި ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގެ ބޭނުމަކީ، ޕާޓީތަކަށް ގުޅިގެން އެކީގައި އެއް ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރެގެން "މަސައްކަތް ކުރުމުގެ ފޯމިއުލާއެއް" އޮތްތޯ ބެލުމަށް ކަމަށް ވަނީ ބުނެފައެވެ. މިގޮތުން ކުރެވުނު މަޝްވަރާތަކުން ޕީޕީއެމް އަދި އެމްއާރްއެމް އެއްބަސްވާނަމަ އެއް ކެންޑިޑޭޓެއް ނެރުމަށް އެއްބަސްވެވުނު ކަމަށް 3 ޕާޓީން ވަނީ ހާމަކޮށްފައެވެ.
މިއާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ޕާޓީން އެދެނީ ރައީސް ޔާމީން ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށެވެ.
“ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ މިޕާޓީން އެދޭ ގޮތް “ ޕީޕީއެމްއިން ބުނިއެވެ.
ޕީޕީއެމްގެ ބަޔާނުގައި ރައީސް ސާލިހް ވެރިކަން ނިމުމަކަށް ގެންނަން ޕާޓީތަކުން ގުޅިގެން ކުރަމުންދާ މަަސައްކަތައް ވަނީ މަރުހަބާ ކިޔާފައެވެ.
ޕީޕީއެމްއިން ބުނިގޮތުގައި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް މިދިޔަ އަހަރު ވަނީ ކަނޑައެޅިފައެވެ. އަދި ރިޔާސީ ޓިކެޓު މިދިޔަ އަހަރު އޯގަސްޓް މަހު ވަނީ އަރުވާފައެވެ. މިއާއެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މާލެއާއި އަތޮޅުތަކުގައި ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ބުނެފައެވެ.
ޕީޕީއެމުން ގޮތެެއް ނިންމާފައިވާއިރު މިވަގުތު ރައީސް ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެން ކަމުން އެމަނިކުފާނުގެ ކެންޑިޑެސީއާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް ވަނީ ޕީޕީއެމްގެ އިތުރުން އެމްއާރްއެމްއާއި މަޝްވަރާ ކުރާނެކަން ހާމަކޮށްފައެވެ.