Last Updated: July 25, 11:51
Saturday, July 25, 2026
މުނިފޫހިފިލުވުން

ފަރުހާންގެ ދޮށީ ދަރިފުޅު ގްރެޖްއޭޓްވެއްޖެ

ބޮލީވުޑްގެ ޑައިރެކްޓަރު/އެކްޓަރު ފަރުހާން އަޚްތަރުގެ ދޮށީ ދަރިފުޅު ޝަކިއާ އަޚްތަރު އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން ގްރެޖްއޭޖްވެއްޖެ އެވެ.

ލަންކާސްޓާ ޔުނިވަސިޓީގެ ގްރެޖްއޭޝަން ހަފުލާގެ ވީޑިއޯ އާއި ފޮޓޯ އަދި އެ ހަފުލާ އަށް ފަހު އާއިލާއާ އެކީ ދަރިފުޅު ނަގާފައިވާ ފޮޓޯތަކެއް ފަރުހާން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޝަކިއާގެ ގްރެޖްއޭޝަން ހަފުލާގައި މަންމަ އަދޫނާ ބަބާނީ އާއި ދޮންމަންމަ ޝިބާނީ ޑަންޑޭކަރާއި މާމަ ހަނީ އިރާނީ އާއި ކާފަ ޖާވިދު އަހްތަރާއި ދޮންމާމަ ޝަބާނާ އާޒްމީ ވެސް ބައިވެރިވި އެވެ.

ފަރުހާންގެ ޕޯސްޓްގައި އެ ހަފުލާ އިން އޭނަގެ ދައްތަ ޒޯޔާ އަޚްތަރާއި ހަގު ދަރިފުޅު އަކީރާ އަޚްތަރު ނެތުމުގެ ފަޅުކަން އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

ފަރުހާނާއި ހެއާ ސްޓައިލިސްޓް އަދޫނާ އަށް ދެ އަންހެން ކުދިން ލިބިފައި ވަނިކޮށް އެ މީހުން ކައިވެނި ރޫޅައިލީ 2017 ގަ އެވެ. އެ މީހުން ކައިވެނިކުރީ 2000 ވަނަ އަހަރު އެވެ. ފަރުހާނާއި ޝިބާނީ ކައިވެނިކުރީ މިދިޔަ އަހަރު އެވެ.

"ދިލް ޗާތާ ހޭ" އާއި "ޑޮން" ގެ ދެ ފިލްމު ގެނެސްދިން ފަރުހާން މިހާރު އަންނަނީ "ޖީ ލޭ ޒަރާ" ކިޔާ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވަމުންނެވެ. އޭނަ އަކީ ޑައިރެކްޓަރެއް/އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް، ސްކްރީން ރައިޓަރެއް އަދި ލަވަކިޔުންތެރިއެކެވެ.

އާއިލާގެ ހުރިހާ އެންމެންނަކީ ފިލްމީ މަސައްކަތްކުރާ ބަޔަކަށް ވިޔަސް، ފަރުހާން ދެ ދަރިން ކަމަށްވާ ޝަކިއާ، 23، އާއި އަކީރާ، 16، މިހާތަނަށް ފިލްމީ އެއްވެސް މަސައްކަތެއްގައި ހިއްސާވެފައެއް ނުވެ އެވެ.