ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކެމްޕޭން ޓީމެއް މިއަދު އައްޑު އަށް އަތުވެއްޖެ އެވެ.
އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ގާސިމްގެ ސްޕެޝަލް އެންވޯއި އަދި ދެކުނުގެ ކެމްޕޭން މެނޭޖަރު އިލްހާމް އަހުމަދާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒި ރަޝީދާއި ގާސިމްގެ އެޑްވަޒައިރު ހަސަން މުގުނީގެ އިތުރުން މުހައްމަދު ފިރާގު އިނަ މޯލްޑިވްސް (ފިރާގު) ހިމެނިވަޑައިގަންނަވަ އެވެ.
ޖޭޕީގެ ކެމްޕޭން ޓީމުން އައްޑު އަށް ކުރާ ދަތުރުގައި އައްޑޫގެ ހުރިހާ އަވަށަކަށް ޒިޔާރަތްކޮށް، ޕާޓީ އަށް މެމްބަރުން އިތުރުކުރުމާއި ގާސިމަށް ތާއީދު ހޯދުމާއި ދޮރުންދޮރަށް ހިނގުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
ޖޭޕީގެ ކެމްޕޭން ޓީމްތައް މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ޕާޓީން ބުނެފައި ވަނީ ވަރަށް އަވަހަށް ގާސިމް ވެސް ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރައްވަން ފައްޓަވާނެ ކަމަށެވެ.
ގާސިމު ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު އޭނަ އެއްބުރުން ކާމިޔާބު ކުރައްވާނެ އެވެ.
އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޕާޓީތަކުން މިހާރު ކެމްޕޭން ކުރަމުން އަންނަ އިރު، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ކޯލިޝަން ބަލިކުރަން ތިން ޕާޓީއަކުން އެއް ކެންޑިޑޭޓަކު ނެރެން މިއަދު މަޝްވަރާތަކެއްކޮށް، އެއްބަސްވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖޭޕީ އާއި މުހައްމަދު ނަޝީދުގެ ދަ ޑިމޮރްކެޓްސްގެ އިތުރުން ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އެވެ.
އެމްޑީޕީގެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑިއޭ) އެވެ.