އިންޑިއާގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އަމިއްލަ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިޑިއާތަކުން ބުނި ގޮތުގައި މިއީ އޭނަ ބަރަހަނާ ފިލްމު ހަދައި، އެއިން ބޮޑު އާމްދަނީއެއް ހޯދަމުންދާ ކަމަށް ބުނާ މައްސަލަތަކެއް 2021 ގައި ފަޅާ އަރައި، ހައްޔަރުކޮށް، ޖަލުގައި ހޭދަކުރި ދުވަސްތަކަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ރާޖް ބޮޑު ހިއްސާއެެއްވާ ގޮތަށް ހަދާ ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައި ދޭނީ އޭނަ އާރާ ރޯޑް ޖަލުގައި ހޭދަކުރި ދުވަސްތަކަށެވެ.
އެގޮތުން ފިލްމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ޑައިރެކްޓްކުރާނެ މީހަކާއި ފިލްމާ ގުޅުން ހުރި އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
ވިޔަފާރިވެރިއެއްގެ ގޮތުގައި ކުރިން އާންމުންގެ ތެރޭގައި މަޝްހޫރުވެފައި އޮތް ރާޖަށް ކުރެވުނު ބަރަހަނާ ފިލްމުގެ ހެދުމުގެ ތުހުމަތުތަކާ ގުޅިގެން އޭނަގެ އަބުރަށް ވަރަށް ބޮޑު ހުތުރެއް އަރާފައިވެ އެވެ. އަދި އޭގެ ފަހުން އޭނަ އާންމުންގެ ތެރެއަށް އާންމުކޮށް ނުކުމެ އުޅެނީ މޫނު އެއްކޮށް ނިވާ ކަހަލަ ޒާތްޒާތުގެ މާސްކް ވެސް އަޅައިގެންނެވެ. އެކަމާ ހެދި ވަރަށް ގިނަ ބަޔަކު ރާޖް އަށް މަލާމާތްކޮށް، ޖޯކް ވެސް ޖަހަ އެވެ.
ޝިލްޕާ އާއި ރާޖް ކައިވެނިކުރީ 2009 ގަ އެވެ. އެ ދެ މީހުންނަށް ދެ ދަރިން ލިބިފައިވެ އެވެ.