މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި ރިޔާދް މަހްރޭޒް ސައުދީ ޕްރޯ ލީގުގެ ކްލަބެއް ކަމަށްވާ، އަލް އަހްލީ އަށް ބަދަލުވުމާ ގާތަށް ގޮސްފި އެވެ.
މަހްރޭޒް ،32، އަލް އަހްލީ އަށް ބަދަލުވާނީ 30.4 މިލިއަން ޕައުންޑަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މަހްރޭޒްގެ ޓްރާންސްފްއާ ގުޅޭގޮތުން ދެ ކްލަބުން ވެސް މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ލެސްޓަ ސިޓީން 2018 ގައި ސިޓީއާ ގުޅުނު މަހްރޭޒް ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ހަތަރު ފަހަރު، އިނގިރޭސި ލީގު ކަޕް ތިން ފަހަރު، އެފްއޭ ކަޕް ދެ ފަހަރު އަދި ޗެމްޕިއަންސް ލީގެއް ހޯދައިފަ އެވެ.
މަހްރޭޒްގެ އިތުރުން ސައުދީ ލީގުގެ އަލް ހިލާލް އިން އަންނަނީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ސައުދީ ލީގަށް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ ގެންނަމުންނެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑަށް ކުޅެމުން އައި ކަރީމް ބެންޒެމާ އާއި ޗެލްސީ އަށް ކުޅެމުން އައި ޑިފެންޑަރު ކަލިދޫ ކުލިބާލީގެ އިތުރުން މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ލިވަޕޫލަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް، ރޮބާޓޯ ފިރްމީނޯ ހިމެނެ އެވެ. އަދި ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ، އަލް އިއްތިފާގްގެ ކޯޗަކަށް އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ސްޓީވެން ޖެރާޑް ވަނީ ހަމަޖައްސާފަ އެވެ.