ލިވަޕޫލަށް ކުޅެމުން އައި އިނގިރޭސި މިޑްފީލްޑަރު، ޖޯޑަން ހެންޑަސަން ސައުދީ ޕްރޯ ލީގުގެ ކްލަބެއް ކަމަށްވާ އަލް އިއްތިފާގަށް ބަދަލުވާން ނިންމައިފި އެވެ.
ހެންޑަސަން ،33، އަލް އިއްތިފާގަށް ބަދަލުވަނީ 12 މިލިއަން ޕައުންޑްގެ އަގަކަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ހެންޑަސަން ބަދަލުވުމަށް ނިންމާފައިވާ އަލް އިއްތިފާގުގެ ކޯޗަކީ ލިވަޕޫލްގެ ލެޖެންޑްރީ މިޑްފީލްޑަރު ސްޓީވެން ޖެރާޑް އެވެ.
ލިވަޕޫލް ދޫކޮށް ހެންޑަސަން އަލް އިއްތިފާގަށް ބަދަލުވާން ނިންމާފައިވާއިރު ސައުދީ ލީގުގެ އަލް އިއްތިހާދުން އަންނަނީ ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު، ފަބީނިއޯ ގެންނަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަބީނިއޯ ގެންނަން އަލް އިއްތިހާދުން ދާދިފަހުން ވަނީ 40 މިލިއަން ޕައުންޑްގެ ބިޑެއްކޮށްފަ އެވެ.
ސަންޑަލޭންޑުން 2011 ވަނަ އަހަރު ލިވަޕޫލްއާ ގުޅުނު ހެންޑަސަން ވަނީ އެ ކްލަބަށް 491 މެޗު ކުޅެދީ 33 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، އިނގިރޭސި އެފްއޭކަޕް، ލީގު ކަޕް، ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕެއް ހޯދާފަ އެވެ.
ސައުދީ ލީގަށް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ ގެންނަމުންނެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑަށް ކުޅެމުން އައި ކަރީމް ބެންޒެމާ އާއި ޗެލްސީ އަށް ކުޅެމުން އައި ޑިފެންޑަރު ކަލިދޫ ކުލިބާލީގެ އިތުރުން މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ލިވަޕޫލަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް، ރޮބާޓޯ ފިރްމީނޯ ހިމެނެ އެވެ.