ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ސްޓޫޑެންޓް އޮފް ދި އިޔާ" ފްރެންޗައިޒްގެ ތިން ބައި ހަދަން ތައްޔާރީތައްވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މި ފަހަރު އެ ހަދަން ނިންމާފައި ވަނީ ވެބް ސީރީޒެއްގެ ގޮތުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ކަމަށާއި އޭގެ ބަތަލާ ރޯލު ކުޅޭނީ އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ކަމަށެވެ. ޝަނާޔާ، 22، އަކީ މި ހަފުތާގައި އިންޑިއާގެ މަޝްހޫރު އެކްޓަރު މޯހަންލާލްގެ ބޮޑު ބަޖެޓް ފިލްމު "ރުޝާބާ" އަށް ސޮއިކުރި ބަތަލާ އެވެ.
ކަރަންގެ ދަރުމާގެ ވެބް ކޮންޓެންޓަށް ހާއްސަ ގޮފި، ދަރުމެޓިކް އެންޓައިންމަންޓަށް "ސްޓޫޑެންޓް އޮފް ދި އިޔާ 3" ހަދާ އިރު، 2021 ގައި ޝަނާޔާ ކަރަން ޕްރޮޑިއުސްކުރާ ފިލްމު "ބޭދަޅަކު" އަށް ސޮއިކުރި އެވެ. ޝިޝާން ކައިތާން ޑައިރެކްޓްކުރާ ގޮތަށް އިއުލާންކުރި ފިލްމުގެ އެކްޓަރުންނަކީ ލަކްޝް ލަލްވާނީ އާއި ގުރްފަތޭ ޕިރްޒާދާ އެވެ.
ނަމަވެސް އެ ފިލްމުގެ މަސައްކަތް އޮތީ ކުރިއަށް ނުގޮސް ހުއްޓިފަ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ޝަނާޔާއާ އެކީ "ސްޓޫޑެންޓް އޮފް ދި އިޔާ 3" ހަދަން ތައްޔާރުވާ އިރު، މި ޕްރޮޖެކްޓް މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
"ސްޓޫޑެންޓް އޮފް ދި އިޔާ" އަކީ ކަރަން ޑައިރެކްޓްކޮށް 2012 ގައި ނެރުނު ފިލްމެކެވެ. އެއީ ވަރޫން ދަވަނާއި އާލިއާ ބަޓްގެ އިތުރުން ސިދާތު މަލްއުތުރާ ބޮލީވުޑަށް ނެރުނު ފިލްމެވެ. އަދި ޕުނީތު މަލްއުތުރާ ޑައިރެކްޓްކުރި 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އަކީ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ ބޮލީވުޑަށް ނެރުނު ފިލްމެވެ. އޭގެ ބަތަލަކީ ވަރޫން އެވެ.
ނަމަވެސް "ސްޓޫޑެންޓް އޮފް ދި އިޔާ 3" ގެ ބަތަލުންނާއި ޑައިރެކްޓަރަކީ ކާކު ކަމެއް ސާފެއް ނުވެ އެވެ.