އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީން ބުނީ ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނަކާއި ތިން އަންހެނުން ކަމަށެވެ. އެގޮތުން ބައެއް މީހުން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ޕީޕީއެމްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށްފައިވެ އެވެ.
މީގެ ކުރިން ވެސް އިދިކޮޅު މުޒާހަރާތަކާ ގުޅިގެން އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އިދިކޮޅުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހިކޮޅު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ޖަލަށް ލި ހިސާބުންނެވެ. އޭގެ ފަހުން އެ ހުކުމަކީ "ހަރާން ހުކުމެއް" ކަމަށް ބުނެ އިދިކޮޅުން ދަނީ ޔާމީން މިނިވަންކުރަން ގޮވާލައި މުޒާހަރާކުރަމުންނެވެ.
އެ ކޯލިޝަނުން ބުނެފައި ވަނީ ޔާމީން މިނިވަން ނުވަނީސް މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށެވެ.