Last Updated: June 28, 18:47
Sunday, June 28, 2026
ޚަބަރު

ފުލުހުންގެ ސަފުތައް "ފޫއަޅުވާލި" ދެ މީހެއްގެ މައްޗަށް ހެކިބަސް ދީފި

8 ފެބްރުއަރީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ7، 2012 ވަނަ ދުވަހު ނިމުމަށްފަހު ޖެހިގެން އައި ދުވަހު ރާއްޖޭގައި ހިނގި ހަމަ ނުޖެހުމުގައި ސ. ގަމު ޕޮލިސް ސްޓޭޝަން ހުރި ސަރައްދުގައި ކުރި މުޒާހަރާގައި ކާރެއްގައި ދުއްވާފައި ގޮސް ފުލުހުންގެ ސަފުތައް "ފޫއަޅުވާލި" ދެ މީހަކާ ދެކޮޅަށް ހެކިބަސް ދީފި އެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ހުށަހަޅާފައިވާ ދެމީހުންނަކީ ސ. ފޭދޫ ބީޗް ވިލާ، މުހައްމަދު ސައީދު (މުއްލާ) އާއި އެ ރަށު ސުވާސާގެ، އަބްދުﷲ ސައީދު (އައްދު)ގެ މައްޗަށެވެ.

މި ދެމީހުންގެ މައްޗަށް ދައުލަތުން ހުޅަހަޅާފައިވާ ޓެރަރިޒަމްގެ ދައުވާއަށް ފަސް ފުލުހަކާއި ސިފައިންގެ މީހެއް ވަނީ ހެކިބަސް ދީފައެވެ.

މުހައްމަދު ސައީދު އާއި ދެކޮޅަށް ހެކިބަސްދިން ފުލުހުން ބުނެފައިވަނީ އެދުވަހު ގަމުގެ ކޯޒްވޭ މަތީގައި ފުލހުންގެ ސަފުތައް އެތުރިފައި ތިއްބައި ކާރަކުން އައިސް "ފުލުހުންގެ: ސަފުތައް ފޫއަޅުވާލާފައިވާ ކަމަށެވެ. އަދި އެކާރު ދުއްވަން މުހައްމަދު ސައީދު ހުރިކަމަށާއި، ދެން ހުރި ޝީޓްގައި އަބްދުﷲ ސައީދު ހުރި ކަމަށެވެ.

ކާރުން ގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލުމާއި ގުޅިގެން، މުޒާހަރާގެ ބައިވެރިން ގަމު ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެގަތްކަމަށް ހެކިބަސް ދިން މީހުން ބުނެފައިވެއެވެ. މި ފުލުހުން ވަނީ ގަމު ޕޮލިސް ސްޓޭޝަން އަންދާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނާއި ދެކޮޅަށްވެސް ހެކިބަސް ދީފައިއެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު ހިންގި ހުޅުޖެހުމުގެ ކަންކަމާއި ގުޅިގެން ދައުލަތުން ވަނީ ގިނަ ބައެއްގެ މައްޗަށް ޓެރެރިޒަމް ދައުވާ އުފުލާފައެވެ. އެގޮތުން ކުރީގެ ފޭދޫ ދާއިިރާގެ ކައުންސިލަރު އަދި ދާދި ފަހުން ޕީޕީއެމްއާއި ގުޅުނު އަހްމަދު މިރުޒާދު (މިރާ) އާއި ކުރީގެ ހިތަދޫ މެދު ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ހިމެނެއެވެ.