އިންތިހާބުގައި ނިކުންނަ ނަތީޖާއަކުން ތަރައްގީގެ މަސައްކަތްތައް ހުއްޓިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހއ. ތަކަންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އިސްލާހީ މަސައްކަތް ފެށިގެން މިއަދު އާދެވިފައި އޮތް ހިސާބަކީ އެދުވަހު ފެށި މަސައްކަތުން އާދެވުނު ހިސާބެއް ކަމަށެވެ. ތަފާތު ގޮންޖެހުންތަކާއެކުވެސް މިއަދު އަމާޒު ހިފަނީ އުފާވެރި އަމާން ރާއްޖެއަށް ހޯދުމަށް ކަމަށް ރައިސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު ވައުދުވީ ކުދިކުދި އާބާދީ ތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި، އެގޮތުން ތަކަންދޫއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމު ކުރުމަށް ފެށި މަސައްކަތްތައް ނިމެމުން ދާކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލަނީ ފަށާފައިވާ މަސައްކަތުގެ ތެރެއިން އުފާވެރި އަމާން ރާއްޖެއެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތް އަދިވެސް އެބަހުރިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެެންމެ ފުރަތަމަ ކަމަކަށް ކުރަންޖެހެނީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމު ކުރުމުގެ މަސައްކަތް ކަމަށެވެ. މިއަދު ހޯދިފައިވާ ހަމަޖެހުމާއި އަމާންކަން ބީވެގެން ދިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަމާން ކަމާއި ހަމަޖެހުން ބީވެއްޖެނަމަ މިއަދު ފަށާފައި ހުރި މަސައްކަތްތައް ހުއްޓުމަކަށް އަންނާނެކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަށް ގެންނަންފެށި ބަދަލު އަދި ނުނިމޭ ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް އަދި ނިމުމަކަށް ނުދާ ކަމަށެވެ. މިސަރުކާރުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އޭގެން ގިނަ މަސައްކަތްތަކެއް ފަށާ މިއަދު ނިމެމުންދާ ކަމަށެވެ. އަދި މީގެއިތުރުންވެސް އިތުރު މަސައްކަތްތައް ކުރަން ހުރިކަމަށް ވިދާޅުވިއެވެ. ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ނިކުންނަ ނަތީޖާއަކުން އެކަންތައްތައް ހުއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިބޭއްވޭ އިންތިހާބުގައި ނިކުންނަނ ނަތީޖާއަކުން އެކަންތައްތައް [ތަރައްގީގެ މަޝްރޫއުތައް] ހުއްޓިގެންދިއުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުހިތުން ރާއްޖޭގެ އެއްވެސް ރައްޔިތަކު މިއަދަކު ނޭދޭނެ މިފަށާފައިހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓޭކަށެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ކެމްޕޭނަށް ކުރާ ދަތުރުގައި ރައްޔިތުން ބޭނުންވާގޮތް ވަރަށް ސާފުކޮށް އެނގެމުންދާ ކަމަށާއި، އެގޮތުން ރައްޔިތުން ބޭނުންވަނީ ތަރައްގީ އަދި ހަމަޖެހިގެން އަމިއްލަ ރަށުގައި ދިރިއުޅުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.