Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

އައްޑޫ ހިއްކުން: ވެލިއެޅުން އަންނަ މަހު ނިންމާލާނެ

އައްޑޫ ބިން ހިއްކުން: މަރަދޫގެ ބޮޑުބައި ނިމި، ހިތަދޫ ހިއްކަން ތައްޔާރުވަނީ

އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް އޯގަސްޓް މަހުގެ ދެވަނަ ހަފްތާއަށް އެއްކޮށް ނިންމާލާނެ ކަމަށް ޕްލާނިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.

އައްޑޫގައި ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ބާރަށް ކުރިއަށްދާ އެއް މަސައްކަތަކީ އައްޑޫ ބިން ހިއްކުމުގެ މަސައްކަތެވެ. މިމަސައްކަތުގެ ބޮޑު ބައި ނިމިފައިވާއިރު، މިހާރު އަމާޒަކީ އޯގަސްޓު މަހުގެ ތެރެއަށް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ދެން ކުރިއަށް ދާނީ ރިވެޓްމެންޓް މަސައްކަތްތަކެވެ.

މިކަމާއި ގުޅޭގޮތުން އައްޑޫލައިވް އާއި ވާހަކަ ދައްކަވަމުން އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓާއި ހަވާލުވެ ހުންނެވި ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ، ހިއްކާ ބޯޓު އޯގަސްޓް މަހުގެ ދެވަނަ ހަފްތާއަށް ފުރަން މިހާރު އޮތް ގޮތުން ހަމަޖެހިފައިވާ ކަމަށެވެ.

"އޯގަސް ދެވަނަ ހަފްތާއަށް ދާއިރު، ހިއްކުމުގެ ބައި؛ ވެލިއެޅުމުގެ ބައި ނިންމާލާފައި ބޯޓުވެސް ފުރާނެ. ދެން އޮންނާނީ ޝޯރ ޕްރޮޓެކްޝަން މަސައްކަތް" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވި ގޮތުގައި ބާކީ ދެން އޮންނާނީ ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، ޒޯން 2 ބީޗް ހެދުމުގެ މަސައްކަތުގެ އިތުރުން، ބްރިޖާއި ގުޅޭ ސަރަހައްދުގައި ކުރަން ޖެހޭ މަަސައްކަތްތަކެއް ކަމަށެވެ. އަދި މިހާރު ރޭވިފައި ހުރި ގޮތުން އަންނަ ނޮވެމްބަރަށް ވެން އޫޑް ކުންފުނީގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 193 ހެކްޓަރު ހިންކަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 116 ހެކްޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެއީ މަރަދޫ އަދި މަރަދޫ-ފޭދޫގެ 76 ހެކްޓަރު އަދި ހިތަދޫ ޒޯން 1 ގެ 40 ހެކްޓަރުގެ ބިމެވެ.

މީގެ އިތުރުން ހިތަދޫ ޒޯން 2 އިން 50 ހެކްޓަރުގެ ބިމާއި، 8.3 ހެކްޓަރުގެ ތިން ރިސޯޓު ރަށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބްރިޖް ގުޅޭ ސަރަހައްދުގެ ބައެއް މަސައްކަތް ވެން އޫޑުން ކުރާނެއެވެ.