ވޭތުވެ އަހަރުތަކުގައި ފަޤީރުންގެ ގޮތުގައި ނަން ނޯޓު ކޮށްފައިވާ ފަރާތްތައް އަހަރުން އަހަރަށް ދަށްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ވޭތުވެ ދިޔަ 3 އަހަރު ތަފާސް ހިސާބަށް ބަލާއިރު އެންމެ ގިނަ މީހުން ފަޤީރުން ގޮތުގައި ރެޖިސްޓަރ ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އެއަހަރު 10944 މީހުން ނަން ނޯޓުކޮށްފައިވެއެވެ. ނަމަވެސް 2021 ވަނަ އަހަރު 7778 އަށް މީހުންނަށް ވަނީ ދަށްވެފައެވެ. މިއަދަދު 2022 ވަނަ އަހަރު އިތުރުވިއެވެ. އެއީ 8984 މީހުންނަށެވެ. ނަމަވެސް މިއަހަރަކީ މިދިޔަ 3 އަހަރާއި އަޅާ ބަލާއިރު އެންމެ މަދު މީހުން ނަންނޯޓު ކުރި އަހަރެވެ. މިއަހަރު ފަޤީރުންގެ ގޮތުގައި ރެޖިސްޓަރ ކޯށްފައިވަނީ 7657 މީހުންނެވެ.
ފަޤީރުންގެ ރެޖިސްޓަރ ކޮށްފައިވާ މީހުންގެ އަދަދުތައް ދަށަށް ދިޔައިރު، އަހަރުން އަހަރަށް ދިޔައީ ބޮލަކަށް ޖެހޭ ނިސްބަތް އިތުރުވަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު 2000ރ. ބޮލަކަށް ލިބުނުއިރު، 2021 ވަނަ އަހަރު ލިބިފައިވަނީ 2700ރ. އެވެ. އަދި މިދިޔަ އަހަރު 3000ރ. ބޮލަަކަށް ޖެހުނުއިރު މިއަހަރު 3500ރ. ބޮލަކަށް ޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މުދަލު ޒަކާތް ބެހުނު ގޮތުގެ ތަފާސްހިސާބު pic.twitter.com/YjYnRum6dj
— Ministry of Islamic Affairs (@MVIaffairs) July 20, 2023
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ހިމެނޭހެން 4 އަހަރު ތެރޭގައި އެންމެ ގިނައިން މުދަލުގެ ޒަކާތުގެ ގޮތުގައި ފައިސާ ޚަރަދުކޮށްފައިވަނީ މިދިޔަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު 26.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއަހަރު ޙަރަދުކޮށްފައިވަނީ 26.7 މިލިއަން ރުފިޔާއެވެ. މިދިޔަ 2021 ވަނަ އަހަރު 21 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ނަމަވެސް 2021 ވަނަ އަހަރަށް ވުރެ ގިނަ ރުފިޔާ 2020 ވަނަ އަހަރު ވަނީ ޙަރަދުކޮށްފައެވެ. އެއަހަރު 21.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލުގެނެސްފައި ވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގަ އެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސަބުގެ އަދަދަކީ 7،312.55 ރުފިޔާ އެވެ.