ބޮލީވުޑްގެ ތަރި ސަނީ ޑިއޯލް ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ދޯނޯ" ގެ ޓީޒާ މި މަހުގެ 25 ގައި އާންމުކުރަން ނިންމައިފި އެވެ.
މި ފިލްމަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނީޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުތް ފިލްމެވެ. ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާފައިވާ މި ލޯބީގެ ފިލްމުގައި ރަޖްވީރާ އެކީ ބަތަލާގެ ރޯލުން ފެންނާނީ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން އެވެ.
View this post on Instagram
"ދޯނޯ" ގެ ޓީޒާ 25 ގައި އާންމުކުރަން ނިންމި ނަމަވެސް މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ބެލުންތެރިންނަށް މި ފިލްމު ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މި އުފެއްދި ރާޖްޝްރީ ޕްރޮޑަކްޝަނުން ބެލުންތެރިންނަށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ސޫރަޖް ގެނެސްދިން "އޫޗާއީ" އެވެ.
ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނުކުތީ އޭނަ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. ޕޫނަމްގެ ފިރިހެން ދަރިފުޅު އައްމޯލް ތަކޭރިއާ ބޮލީވުޑަށް ނުކުތީ 2012 ގެ "ޓިއުޒްޑޭސް އެންޑް ފްރައިޑޭސް" އިންނެވެ.