Last Updated: April 28, 14:17
Sunday, April 28, 2024
ދުނިޔެ

އެޕަލް ޗެޓްބޮޓަކަށް މަސައްކަތް ކުރަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތެރެއިން އެޕަލް ކުންފުނިން ވެސް މިހާރު ޗެޓްބޮޓަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ކުންފުނީގެ އެތެރޭގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ތިލަކޮށްދޭ ރިސާޗަރެއް ކަމަށްވާ މާކް ގާމަން ބުނެފައިވާ ގޮތުގައި އޭއައިއާ ގުޅޭ ފްރޭމްވޯކެއް އެކުލަވާލައި، އެޕަލް އިން މިހާރު އަންނަނީ ޗެޓްބޮޓަކަށް މަސައްކަތްކުރަމުންނެވެ. އަދި އެއަށް ކުންފުނީގެ ތެރޭގައި ކިޔައި އުޅެނީ "އެޕަލް ޖީޕީޓީ" ކަމަށް ވެސް ބުނެފައިވެ އެވެ.

ގާމަން ބުނެފައިވާ ގޮތުގައި އެޕަލްގެ ޗެޓްބޮޓަކީ އެ ކުންފުނިން މިދިޔަ އަހަރު "އެޖެކްސް" ގެ ނަމުގައި އީޖާދުކުރި ޓެކްނޮލޮޖީއެއް ވެސް ހިމަނައިގެން އަދި ވަރަށް ފަސޭހަކޮށް ތަފާތު ބަހުރުވަތަކުން މުއާމަލާތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ގޫގުލް ކްލައުޑްގައި ވެސް މިހާރު ބޭނުން ކުރަމުން އަންނަ "އެޖެކްސް" އަކީ ގޫގުލް ޖެކްސް އަށް ހެޔޮވަރުކޮށްފައި އޮތް އެއްޗެކެވެ.

ބޮޑެތި ވަރަށް ގިނަ ޓެކް ކުންފުނިތަކުން މިހާރު އޭއައިއާ ދިމާއަށް ސޮއްސާލައި، އެ ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ އިރު، އޭއައިއާ ގުޅޭ ވާހަކަތަކެއް އެޕަލް އިން އަދި މިހާތަނަށް ފާޅުކަން ބޮޑުކޮށެއް ނުދައްކަ އެވެ.

އޯޕަންއޭއައިގެ "ޗެޓްޖީޕީޓީ" މިހާރު ވަރަށް ބޮޑަށް ވައިގައި ހިފަމުންދާ އިރު، އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ވާހަކަ ވެސް މިހާރު އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ.