Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ކޮންމެ ފުލުހަކު ވެސް ލީޑަޝިޕް ދައްކަން ޖެހޭނެ

ފުލުހުންގެ 2 އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމީއްޔާތުގެ ތެރެއިން . ފޮޓޯ: ޕޮލިސް

ކޮންމެ ފުލުހަކީ އެ ފުލުހެއްގެ މަޤާމުގެ ނިސްބަތުން، އަދާކުރާ މަސްއޫލީއްޔަތުގައި ލީޑާޝިޕް ދައްކަން ޖެހޭ މުވައްޒަފެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ހަމީދު މިހެން ވިދާޅުވީ މިއަހަރު ބޭއްވުނު ފުލުހުން ދެވަނަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން ހޯދުމުގައި ކޮންމެ މުވައްޒަފެއްގެވެސް ވަރަށް މުހިންމު ޒިންމާއެއްވާކަމަށާއި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ތަމްރީނުތަކަށް މުވައްޒަފުން ހޮވިގެން ދިއުމަކީ ވަރަށް އިސްކަންދޭ ކަމެއްކަމަށް ވިދާޅުވިއެވެ. އެގޮތުން މި ކޯސް ނިންމި ފުލުހުންނަށާއި ފުލުހުންގެ މުސްތަޤުބަލުގެ ލީޑަރުންނަށް ތަފާތު ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިގޮތުން، އިންސްޕެކްޓަރ ކޯހުން މަތީ ވަނަ ހޯދާ ފުލުހުންނަށް، ކޮމިޝަނަރ އޮފް ޕޮލިސްގެ ހާއްސަ ފެލޯޝިޕެއް ތައާރަފުކުރުމަށް ނިންމާފައިވާކަމަށާއި މި ފެލޯޝިޕް ލިބޭ ފުލުހުންނަށް، އެ ފުލުހެއްގެ މަސައްކަތުގެ ދާއިރާއިން ބޭރުގައުމެއްގެ ފުލުހުންގެ އިދާރާއެއްގައި ކަނޑައެޅޭ މުއްދަތަކަށް ތަޖުރިބާ ހޯދުމަށް އެޓޭޗްމަންޓުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅުގައި، ކޮންމެ ފުލުހަކީ މަޤާމުގެ ނިސްބަތުން ލީޑާޝިޕް ދައްކަން ޖެހޭ ބައެއްކަން ފާހަގަ ކުރެއްވިއެވެ. އަދި މިވަޒީފާގައި ދިގުމުއްދަތަކަށް މަސައްކަތް ކުރުމަށް ޕޮޒިޓިވް އެޓިޓިއުޑެއް ހުންނަން ޖެހޭ ކަން ފާހަގަކޮށް ފުލުހުންގެ ވަޒީފާ އަދާކުރުމަށް ވަރަށް ހާއްސަ ލޯތްބަކާއި ޝައުޤުވެރިކަމެއް ހުންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެއީ މިމަސައްކަތަކީ ޑިމާންޑިން މަސައްކަތަކަށް ވުމުން ކަމަށް ވިދާޅުވިއެވެ.

މިއަދު ފުލުހުންގެ މުއައްސަސާއަށްވެސް ބޭނުންވަނީ މުސްތަގުބަލުގެ ތްރެޓްތަކާއި އާންމު ރައްކާތެރިކަމަށް ހުރި ރިސްކުތައް ދަށްކުރުމަށް ހައްލު ހޯދޭނެ ގާބިލުކަމާއި ހުނަރު ހުރި ފުލުހުންކަމަށް ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ. އަދި ބަވަނަވެ ބަދަލުވަމުންދާ ދުނިޔެއެއްގައި، އަލަށް ތައާރަފުވަމުން އަންނަ ކުށްތަކަށްވެސް އުފެއްދުންތެރި އައު ހައްލުތައް ހޯދުމަށް ހާސިލް ކުރި ތަމްރީނުގެ ފުރިހަމަ ބޭނުން ހިފުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.