Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

މެސީގެ ފަހަތުން އަލްބާ ވެސް މަޔާމީ އަށް

ބާސެލޯނާ އަށް ކުޅެމުން އައި ސްޕެއިންގެ ޑިފެންޑަރު ޖޯޑީ އަލްބާ އެމެރިކާގެ އިންޓަ މަޔާމީ އަށް ސޮއިކޮށްފި އެވެ.

އަލްބާ ،34، މަޔާމީ އަށް ސޮއިކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން އިތުރު އަހަރަކަށް ކޮންޓްރެކްޓް ދަންމާލުމުގެ ފުރުސަތު މަޔާމީ އަށް އެއްބަސްވުމުގެ ދަށުން އޮންނާނެ އެވެ.

އަލްބާ 11 އަހަރަށް ފަހު ބާސާއާ ވަކިވީ މިދިޔަ ސީޒަނަށްފަހު އެވެ. އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ހަ ފަހަރު އަދި ޗެމްޕިއަންސް ލީގެއް ހޯދައިފަ އެވެ. އަލްބާ ވަނީ ސްޕެއިނާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އަލްބާ އިންޓަ މަޔާމީ އަށް ސޮއިކުރިއިރު އޭނާއާއެކު ބާސާގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ލިއޮނަލް މެސީ އާއި ސާޖިއޯ ބުސްކެޓްސް މީގެކުރިން ވަނީ އިންޓަ މަޔާމީ އަށް ބަދަލުވެފަ އެވެ. އެ ދެ ކުޅުންތެރިން އިންޓަ މަޔާމީ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.