Last Updated: April 29, 20:04
Monday, April 29, 2024
މުނިފޫހިފިލުވުން

އެކްޓަރު އަދިތިޔާ މިއުޒިކް އަލްބަމެއް ނެރެނީ

އަމިއްލަ އަޑުން ކިޔާފައިވާ ލަވަތަކެއް ހިމެނޭ މިއުޒިކް އަލްބަމެއް ވަރަށް އަވަހަށް ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބޮލީވުޑްގެ އެކްޓަރު އަދިތިޔާ ރޯއި ކަޕޫރް ބުނެފި އެވެ.

ފިލްމު ކުޅެން ފެށުމުގެ ކުރިން ވެސް މިއުޒިކްގެ ތެރޭގައި އުޅުނު 37 އަހަރުގެ އެކްޓަރު ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ބުނީ މިއުޒިކަކީ އަބަދު ވެސް ވަރަށް ބޮޑު ޕެޝަނެއް ކަމަށެވެ. އެހެންވެ މިއުޒިކީ މަސައްކަތްތަކެއް ކުރަން އަބަދު ވެސް ބޭނުންވާ ކަމަށާއި މިހާރު އަމާޒު ހިފާފައި އޮތީ މާ ލަސްތަކެއް ނުވެ، އަލްބަމެއް ނެރުން ކަމަށް "އާޝިގީ 2" އާއި "މަލަންގު" އަދި "ޔެ ޖަވާނީ ހޭ ދިވާނީ" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު އަދިތިޔާ ބުންޏެވެ.

"މިހާރު ހޮބީއަކަށް ވުރެ ސީރިއަސްކޮށް މިއުޒިކް ނަގަނީ. އެހެންވީމަ ވަރަށް އަވަހަށް އަލްބަމެއް ނެރޭނަން. އެކަމަށް މަސައްކަތްތައް އެބަ ކުރިއަށްދޭ." މިހާރު ޒުވާން ބަތަލާ އަނަންޔާ ޕާންޑޭއާ ޑޭޓްކުރަމުން އަންނަ އަދިތިޔާ ބުންޏެވެ.

އޭނަ ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ފިލްމުތަކަށް ވެސް ލަވަ ކިޔުމަކީ އުންމީދެކެވެ. އަދިތިޔާ ބުނީ 2013 ގައި ރިލީޒްކޮށް، އޭގެ ލަވަތައް ވަރަށް ބޮޑަށް މަޝްހޫރުވި ފިލްމު "އާޝިގީ 2" ގެ މަސައްކަތްކުރި ދުވަސްވަރު އެ ފިލްމަށް ލަވައެއް ކިޔަން ޑައިރެކްޓަރު މޯހިތު ސޫރީއާ ވާހަކަ ދެކެވުނު ކަމަށެވެ.

"އެކަމަކު އޭރު ކަން ދިމާކުރި ގޮތުން އެ ފުރުސަތު ފަހިވާ ގޮތެއް ނުވި. ނަމަވެސް ވަރަށް ބޮޑު އުންމީދެއް ކައިރި މުސްތަގުބަލެއްގައި ފިލްމަކަށް ލަވައެއް ކިޔަން ފުރުސަތު ލިބުން." މި އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" ވެސް ކުޅުނު އެކްޓަރު ބުންޏެވެ.

އަދިތިޔާ ބުނި ގޮތުގައި ބޭނުން ވަނީ ހަމައެކަނި ހިންދީ ލަވަތަކެއް ކިޔާކަށް ނޫނެވެ. އަދި އިނގިރޭސި ލަވަތަކަށް ވެސް ވަރަށް ޝައުގުވެރިވާ ކަމަށް އެޕްރީލްގައި ރިލީޒްކުރާ "ގުމްރާހު" ގެ ބަތަލު ބުންޏެވެ.

އަދިތިޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އެންތޮލޮޖީ ފިލްމު "މެޓްރޯ…އިން ދިނޯ" ހިމެނެ އެވެ.