Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ރައީސަށް މިހާރު ވެސް 100،000 ވޯޓް ކަށަވަރު

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ބްރާހީމް މުހައްމަދު ސޯލިހަށް މިހާރު ވެސް 100،000 ވޯޓް ކަށަވަރުވެފައިވާ ކަމަށް ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ އެ ރަށުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި އޭނަ ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން ނުހިންގާ ވަރަށް ގިނަ ޕްރޮޖެކްޓްތައް މި ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިހާރު ބައެއް ޕްރޮޖެކްޓްތައް ނިމި، އަނެއް ބައި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވބި އެވެ.

އޭގެ ތެރޭހައި އެއާޕޯޓު އެޅުމާއި، ބިން ހިއްކުން ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ހަމައެކަނި ވެރިއަކީ ރައީސް ސޯލިހު ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންނަށް ވައުދުވެވަޑައިގެން، އެ ވައުދުތައް ފުއްދަވަމުން ގެންދަވާ ހަމައެކަނި ރައީސް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ މިހާރު ދިއްދޫގެ ރައްޔިތުން ތިބީ ރައީސާ އެކީ ކަމަށާއި އެ ރަށުގެ މެޖޯރިޓީ ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު އަޅުގަނޑުމެންނަށް ޔަގީން، ބޮޑުތިލަދުންމަތީ އިގުތިސާދު ދެގުނަ ވެގެން، ބޮޑުތިލަދުންމަތީ ރައްޔިތުންނާ ދިއްދޫ ރައްޔިތުން ތިބޭނީ އުފަލުން ފުރިފައި، މި އިންތިޚާބު ރައްޔިތުންނަށް ކާމިޔާބުކޮށް ދިނުމަށްޓަކައި ހުރިހާ މެމްބަރުން މި ތިބީ ފުރިހަމައަށް ތައްޔާރުވެގެން،" ވަހީދު ވިދާޅުވި އެވެ. "މި އިންތިޚާބު މި ފަށަނީ ވެސް އެއްލައްކަ ވޯޓުން. އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން."