Last Updated: July 25, 11:51
Saturday, July 25, 2026
މުނިފޫހިފިލުވުން

"ރެހެންދި ހަދީޖާ" ގެންނަން އަދި ވަގުތު ނަގާނެ

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓައިންމަންޓުން، މީގެ ތިން އަހަރު ކުރިން އިއުލާންކުރި ބައޮގްރަފިކަލް ޑްރާމާ "ރެހެންދި ހަދީޖާ" ހަދަން އަދި ވަގުތު ނަގާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.

ރާއްޖޭގައި ކުރިން ރަނިކަން ކުރި ރެހެންދި ހަދިޖާ އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމިކަން ޑާކް ރެއިނުން އިއުލާންކުރީ އެޕްރީލް، 4، 2020 ގަ އެވެ. މި ފިލްމަކީ މިހާރު އާންމުކޮށް އެ ސްޓޫޑިއޯގެ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔާ މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު ތޮލާލާއި އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް، އަހުމަދު ޝިނާން ޑައިރެކްޓްކުރާ ގޮތަށް އިއުލާންކުރި އެއްޗެކެވެ.

ޝިނާނަކީ 2016 ގެ "4426" ގައިރެކްޝަނަށް ނުކުމެ 2019 ގެ "ގޮށްރާޅު" ވެސް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޑާކް ރެއިނުން އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން ހަމަޖެހިފައިވާ "ބަޅިނދު" އެވެ.

"ރެހެންދި ހަދީޖާ" އިއުލާންކުރި ފަހުން، އޭގެ އަޑެއްބަޑެއް މި ފަހުން ނީވޭތީ އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޕްރޮޑިއުސަރު އަދި އައިޝަތު ފުއާދު ތައުފީގުގެ ފިރިމީހާ މުހައްމަދު އަލީ (މޮގާ) ބުނީ މި ވަގުތަށް އެ ފިލްމުގެ މަސައްކަތް އޮތީ ހުއްޓާލާފައި ކަމަށެވެެ. އޭނަ ބުނީ މިއީ ބޮޑު ބަޖެޓަކުން ހަދަން ޖެހޭ ފިލްމަކަށްވުމާ އެކީ ސްޓޫޑިއޯގެ މާލީ ހާލަތު މި ވަގުތު ހުރި ގޮތުން "ރެހެންދި ހަދީޖާ" ގެ މަސައްކަތް މި ވަގުތަށް ކުރެވެން ނެތީ ކަމަށެވެ.

"އެހެންވީމަ އެ ހަދަން އަދި ދެތިން އަހަރު ނަގާނެ ކަމަށް މި ބަލަނީ." ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު ބުންޏެވެ.

ޕްރޮޑިއުސަރު މޮގާ.

މޮގާ ބުނި ގޮތުގައި "ރެހެންދި ހަދީޖާ" އިއުލާންކުރިތާ މާ ގިނަ ދުވަސްތަކެއް ނުވީސް ކޮވިޑްގެ ވަބާއާ ހެދި ފިލްމީ މަސައްކަތްތައް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓުމަށް އައުމުން ސްޓޫޑިއޯ އަށް އޭގެ ސަބަބުން މާލީ ގޮތުން ބޮޑެތި ދަތިތަ،ކ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންވެ އެ ގެއްލުންތަކުން އަރައިގަނެވި، އެއްކޮށް ހަމައަކަށް އެޅުމުން "ރެހެންދި ހަދީޖާ" ގެ މަސައްކަތް ފަށަން ޕްލޭންކޮށްފައި އޮތް ކަމަށް ބުންޏެވެ.

މި ފިލްމަކީ ޑާކް ރެއިނުން ހަދަން ނިންމި ފުރަތަމަ ބައޮގްރަފިކަލް ޑްރާމާ އެވެ. އަނެއްކޮޅުން މި ޖޯންރާ އަކީ ރާއްޖޭގެ ސިނަމާއާ އަދި ވަރަށް ބީރައްޓެހި ޖޯންރާއެކެވެ. އެކަމަކު މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގެ ގައުމީ ބަތަލު، މުހައްމަދު ތަކުރުފާނަށް ބިނާކޮށް ޓީވީއެމުން "ބޮޑުތަކުރުފާނު" ގެ ނަމުގައި ޓީވ ފިލްމެއް ގެނެސްދީފައިވެ އެވެ.

މި އަހަރުގެ ފެބްރުއަރީގައި "ބީވީމާ" އަދި މާޗްގައި "ހިނދުކޮޅެއް" ގެނެސްދިން ޑާކް ރެއިނުން މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރުގެ ޑިސެމްބަރު 4 ގައި ރިވެންޖް ތުރިލާ "ފުރޭތަ" ގެނެސްދިނުމަށެވެ.