ކުރިއަށް އޮތް 20 އަހަރުތެރޭ ރާއްޖޭގެ ގައުމީ ޓީމު ވޯލްޑް ކަޕަށް ގެންދިޔުމަކީ އޭނާގެ ހުވަފަނެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދުގެ އާ ފުޓްބޯޅަ ކްލަބް "އެޓޯލްސް އެފްސީ" ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަލީ ވިދާޅުވީ 20 އަހަރުތެރޭ ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައިވާނެ ކަމަށް މީހަކު ސްޓޭޖެއްގައި ހުރެ ބުނުމުން އެއީ މޮޔައެއް ކަމަށް ބުނެފާނެ ކަމަށާއި ނަމަވެސް އާބާދީގެ ގޮތުން ކުދި ގައުމުތައް ވެސް ވޯލްޑް ކަޕަށް ކޮލިފައިވެފައި އެބަހުރި ކަމަށެވެ.
ދިވެހިންގެ ތެރޭގައި މިހާރު އޮތް ސަގާފަތަކީ ވޯލްޑް ކަޕެއް އަތުވެއްޖެ ނަމަ ހުރިހާ ތަނަކުން ސްޕޮންސަރުން ހޯދައިގެން، މުޅި ގެ ފާރުގައި ކުލަލައިގެން ބޮޑު ޓީވީ ގަނެގެން އެހެން ބަޔަކު ކުޅޭ ވޯލްޑް ކަޕެއް ބެލުމަށް ފޯކަސް ދިނުން ކަމަށް އަލީ ވިދާޅުވި އެވެ.
"އެކަމަކު އަސްލު ފޯކަސް ކުރަންވީ އަޅުގަނޑުމެންގެ ގައުމީ ޓީމަށް ސްޕޮންސަރ ހޯދައިދީގެން، އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އެ ދޭންވާ ފެސިލިޓީސްތައް ދީގެން އަޅުގަނޑުމެންގެ ގައުމީ ޓީމުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ހުރިހާ ތަނެއްގައި ހަރުގެ ޖަހައިގެން ބެލުން. އެއީ އަޅުގަނޑުމެންގެ މެންޓާލިޓީ އަށް ގެންނަންވީ ބަދަލަކީ،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް މޮޅެތި ކުޅުންތެރިން އުފެދޭނެ ކަމަށާއި އެ ކުޅުންތެރިންނަށް މިކަން ހާސިލުކުރަން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. މީގެ 20 އަހަރު ފަހުން އޭނާގެ އުމުރުން ވާނީ 59 އަހަރު ކަމަށާއި ނަމަވެސް ރާއްޖެ މުޅި ދުނިޔޭގައި ނިކުމެ ވާދަކުރަންތަން ފެނުމުން ގައުމީ ޓީމު ދެކެ އެންމެން ވެސް ފަހުރުވެރިވާނެ ކަމަށް އަލީ ވިދާޅުވި އެވެ.
"މިރެއިން ފެށިގެން އެ ހުވަފެން އަޅުގަނޑުމެން ބަލަންވީ. ހުވަފަނެއް އޮތިއްޔާ އެއަށް މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެ،" އޭނާ ވިދާޅުވި އެވެ.