Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

ލަވަކިިޔުންތެރިޔާ ޓޯނީ މަރުވެއްޖެ

މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ އެމެރިކާގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ ޓޯނީ ބެނެޓް މިއަދު މަރުވެއްޖެ އެވެ.

ކެރިއަރު 70 އަހަރަށް ދެމިގެން ދިޔަ ފަންނާނު އުމުރުން 96 އަހަރުގައި ނިއު ޔޯޖްގައި މަރުވިކަން އޭނަގެ ޕަބްލިސިސްޓް ކަށަވަރުކޮށް ދިން ނަމަވެސް މަރާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ. ޓޯނީ މަރުވި އިރު އޭނަ ގެންދިޔައީ އަލްޒެއިމާ އަށް ވެސް ފަރުވާ ހޯދަމުންނެވެ.

މިއުޒިކީ ދާއިރާ އިން އެތައް ކާމިޔާބީއެއް އަދި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލިބިފައިވާ ޓޯނީގެ ކެރިއަރުގައި 61 ސްޓޫޑިއޯ އަލްބަމް ނެރެފައިވެ އެވެ. އޭނަގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ރެގްސް ޓު ރިޗެސް"، "ބިކޯޒް އޮފް ޔޫ"، "އައި ލެފްޓް މައި ހާޓް އިން ސެން ފްރަންސިސްކޯ"، "ބޮޑީ އެންޑް ސޯލް" އަދި "ދަ ވޭ ލުކް ޓުނައިޓް" ހިމެނެ އެވެ.

ޓޯނީގެ ކެރިއަރުގައި 20 ގްރެމީ އެވޯޑް ހާސިލުކޮށްފައިވެ އެވެ.

ދެހާސް އެކާވީހުގައި އޭނަ އެމެރިކާގެ މިހާރުގެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ލޭޑީ ގާގާ އެކީ ވެސް ޕަފޯމްކޮށްފައިވެ އެވެ. އަދި ގާގާ ސިފަކޮށްފައިވާ ގޮތުގައި ބެނެޓް ޖާދޫއެއް ފަދަ މިއުޒިކީ ފަންނާނެކެވެ.