Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ޕީއެސްޖީން އެމްބާޕޭ ވިއްކާލަނީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް، ކިލިއަން އެމްބާޕޭ ވިއްކާލަން އެ ކްލަބުން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތްއިރު އޭނާ ވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އާނުކުރަން ނިންމައިފަ އެވެ. ޕީއެސްޖީން ވަނީ ކޮންޓްރެކްޓް އާނުކުރާނަމަ މި ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ވިއްކާލުމުގެ ފުރުސަތު އެބައޮތް ކަމަށް މީގެކުރިން ބުނެފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން މިހާރު ވަނީ ރަސްމީކޮށް އެމްބާޕޭ ވިއްކާލުމަށް ނިންމައިފަ އެވެ. އެގޮތުން އެ ކްލަބުން ޖަޕާން އަދި ދެކުނު ކޮރެޔާ އަށް ކުރާ ޕްރީ ސީޒަން ޓުއާ އަށް ނެގި ސްކޮޑުން ވެސް އެމްބާޕޭ ވަނީ ބާކީކޮށްފަ އެވެ.

ޕީއެސްޖީން އެމްބާޕޭ ވިއްކާލުމަށް ނިންމީ އަންނަ ސީޒަނަށްފަހު އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ނުދިނުމަށްޓަކަ އެވެ. ނަމަވެސް މި ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށާއި އަންނަ ސީޒަނުގައި ވެސް ހުންނާނީ ޕީއެސްޖީގައި ކަމަށް އެމްބާޕޭ މީގެކުރިން ވަނީ ބުނެފަ އެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު އެމްބާޕޭ ބަދަލުވާން ހަމައެކަނި ބޭނުންވާ ކްލަބަކީ ރެއާލް މެޑްރިޑް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ރެއާލްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އެ ކްލަބް ދޫކޮށް ސައުދީ އަރަބިއްޔާގެ ކްލަބަކަށް ބަދަލުވެފައިވާއިރު އެމްބާޕޭ ހޯދުމުގެ މަސައްކަތް އަލުން ރެއާލުން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 34 މެޗުގައި 29 ގޯލު ކާމިޔާބުކޮށް އެ ކްލަބަށް ފްރެންޗް ލީގު ހޯދައިދިނުމުގައި އެމްބާޕޭ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ. މިދިޔަ ސީޒަނަށްފަހު ޕީއެސްޖީ އަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. މެސީ ބަދަލުވީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ އިންޓަ މަޔާމީ އަށެވެ.