ޑެންމާކްގެ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ޤުރުއާން އަންދާލައިފި އެވެ.
އެ ގައުމުގައި ﷲ ގެ ކަލާމްފުޅު އަންދާލާފައި ވަނީ ޑެންމާކުގެ ވެރިރަށް ކޮޕަންހޭގަންގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގަ އެވެ. ޤުރުއާން އަންދާލުމުގެ އިތުރަށް އެ ޖަމާއަތުގެ މީހުން ތިބީ އިސްލާމް ދީނާ ދެކޮޅު ޝުއޫރުތައް ހިމެނޭ ބެނާތަކެއް ވެސް ހިފައިގެންނެވެ. މި އަމަލު އެމީހުން ހިންގިއިރު އެމީހުންގެ ހިމާޔަތުގައި ފުލުހުން ތިބި މަންޒަރު ވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.
އެ ޖަމާއަތުން ވަނީ މިއީ އިރާގުގައި ހުންނަ ސްވިޑެންގެ އެމްބަސީގައި ހުޅުޖެހުމާ ގުޅިގެން އެކަމުގެ ބަދަލެއްގެ ގޮތުގައި ކުރި ކަމެއް ކަމަށް ބުނެފަ އެވެ.
މިިދިޔަ ބުރާސްފަތި ދުވަހު ސްވިޑަންގެ ސްޓޮކްހޯމްގައި ހުންނަ އިރާގު އެމްބަސީގެ ކުރިމަތީގައި ޤުރުއާނުގައި ކޮޅުފައިން ޖަހައި ގެއްލުން ދޭން މީހަކު މަސައްކަތް ކޮށްފައިވެ އެވެ. އަދި މީގެކުރިން ސްވިޑެންގައި ވެސް ގުރުއާން އަންދާފައިވެ އެވެ.
މިކަމާ ގުޅިގެން މުސްލިމު ގައުމުތަކުގެ ފާޑުކިޔުންތައް ސްވިޑެން އަށް އަމާޒުވެފައިވާ އިރު އިރާގުގައި ހުންނަ ސްވިޑެން އެމްބަސީގައި ހުޅުޖަހައި އެގައުމުގެ ސަފީރު މިހާރު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
ޑެންމާކުން ޤުރުއާން އަންދާލި އިރު، އެ ގައުމަކީ ކުރިން ވެސް އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކުރުމުގެ އަމަލުތައް ހިންގާފައިވާ ގައުމެކެވެ. އެގޮތުން ޤުރުއާން އަންދައިލުމާއި ރަސޫލާ އަށް ޑެންމާކުން ކާޓޫން ވެސް ކުރަހާފައިވެ އެވެ.