Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

އިންތިހާބަށް 100،000ރ. ދަައްކަން ޖެހޭނެ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން މާދަމާ ރަސްމީކޮށް ހުޅުވައިލާ އިރު، އިންތިހާބުގައި ވާދަކުރަން ހުށަހަޅާ މީހުން އިދާރީ ފީއެއްގެ ގޮތުގައި 100،000ރ. ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އެއީ ޑިޕޮޒިޓް ފައިސާއެއް ނޫން ކަމަށާއި އެ ފައިސާ އަކީ ކެންޑިޑޭޓަށް ފަހުން އަނބުރާ ލިބޭނެ އެއްޗެއް ވެސް ނޫން ކަމަށެވެ.

"އެ ފައިސާ ދައްކަން ޖެހެނީ ސަރުކާރުގެ ފައިސާ ދައްކަން ހަމަޖައްސާފައިވާ ނިޒާމުގެ ތެރެއިން އީސީން ފައިސާ ދައްކަން އެންގުމުން." އޭނަ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ، އުމުރުން 18 އަހަރު ފުރިފައިވާ 1500 މީހުންގެ ސޮއި ހިމެނޭ ލިޔުމެއް ވެސް އީސީ އަށް ހުށަހަޅަންޖެހެ އެވެ. އަދި އެ ލިޔުމަކީ ސައްހަ ސޮއި ހިމެނޭ އަދި މައުލޫމާތު ފުރިހަމަވެފައިވާ ލިޔުމަކަށް ވާން ޖެހޭނެ އެވެ.

"އެ ލިޔުން މިއަދުން ފެށިގެން އީސީ އިން ލިބިވަޑައިގަންނަވާނެ. ލިޔުމުގައި ސޮއިކުރައްވާ 1500 ބޭފުޅުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހަޅުއްވާކަށް ޖެހިވަޑައިނުގަންނަވާނެ.” ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282406 އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު 9 ގަ އެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ އެ ބުރު އޮންނާނީ އެ މަހުގެ 30 ގަ އެވެ. އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު، ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282،406 އެވެ.

އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވައިލާ އިރު، ސުންގަޑި ހަމަވާނީ އަންނަ މަހުގެ 7 އަށެވެ.

އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމާއި އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަނެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެކަމަކު އެ މަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއ2ް ތަންފީޒު ކުރައްވަމުން ގެންދަވާތީ އަދި ހުންނެވީ އިންތިހާބުގައި ވާދަކުރެއްވޭ ހާލަތުގައެއް ނޫނެވެ.