އިއްޔެ ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ބާބީ" އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މި ފިލްމުގެ ސީކްއެލްއެއް ވެސް ހަދަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަތުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ފިލްމުގެ ޓީމުން މިހާރު ދެވަނަ ބަޔަކަށް ޕްލޭން ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. "ބާބީ 2" ގެ ވާހަކަ މީޑިއާތަކުގައި ވަރަށް ހޫނުކޮށް މިހާރު ދެކެވެމުން ދިޔަ ނަމަވެސް އެ ފިލްމު އުފެއްދުމުގައި ހިއްސާވި ޕްރޮޑަކްޝަން ހައުސްތަކާއި ފިލްމު ޑިސްޓްރިބިއުޓްކުރާ ވޯނާ ބްރޮސް އިން މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.
ކުޅޭ ތަކެތި އުފައްފާ އެމެރިކާގެ ކުންފުނި މެޓެލް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން މީގެ އެތައް އަހަރެއް ކުރިން "ބާބީ" ގެ ނަމުގައި އުފެއްދި ބުދަށް ބިނާކޮށް އަދި އޭގެ ޕޮޝް ފިޔާތޮށި ކުލައިގެ ދުނިޔެ އަށް ބިނާކޮށް ހެދި "ބާބީ" ފިލްމު ޑައިރެކްޓްކުރީ ގްރެޓާ ގާވިގް އެވެ.
ފިލްމުގެ ޓައިޓްލް ރޯލު ކުޅުނީ މާގޯ ރޮބީ އެވެ. "ބާބީ" ގެ ކާސްޓްގައި ރަޔަން ގޯސްލިން، އެމެރިކާ ފްރޭރާ، ކޭޓް މެކިނަން، އިސާ ރައީ، ވިލް ފެރެލް އަދި ރިއާ ޕާލްމަން ހިމެނެ އެވެ.
"ބާބީ" އަކީ ޖުމްލަ 145 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.