ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އަނެއްކާ ވެސް ރަޝިއާވެއްޖެ އެވެ.
މި އަހަރުގެ ފެށުނު ފަހުން އަހަރޫގެ ފުރަތަމަ ފަސް މަހާ ހަމައަށް ރަޝިއާ އިން އެ މަގާމު ދަމަހައްޓަމުން އައި ނަމަވެސް އެ ގައުމު ދެވަނަ އަށް ވައްޓާލައި އިންޑިއާ މިދިޔަ މަހުގެ ތެރޭގައި އެއް ވަނަ އަށް އެރި އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރަޝިއާ އަލުން ވަނީ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ މަގާމަށް ޖެހިލައިފަ އެވެ.
އެގޮތުން މި މަހުގެ 19 އާ ހަމައަށް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 119،405 އަށް އަރަ އެވެ. ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މި މަހުގެ 16 ގައި މިލިއަނަކަށް އެރި އިރު، އެއް މިލިއަން ވަނަ ޓޫރިސްޓަކީ ވެސް ރަޝިއާ މީހެކެވެ. އެއީ އިނގިރޭސިވިލާތުގައި އުޅޭ އެންޓޮން ޕަވްލޮވް ކިޔާ މީހެކެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދެވަނަ ގައުމުގެ މަގާމުގައި އިންޑިއާ މިހާރު އޮތީ 118،638 ޓޫރިސްޓުންނާ އެކީގަ އެވެ. ތިން ވަނަގައި އިނގިރޭސިވިލާތް އޮތީ 85،884 ޓޫރިސްޓުންނާ އެކީ އެވެ.
ޓޮޕް 10 މާކެޓަށް ބަލާ އިރު ލިސްޓް ދެން ތަރުތީބި ވަނީ މިގޮތަށެވެ. ޗައިނާ (80،769 ޓޫރިސްޓުން)، ޖަރުމަން (70،065 ޓޫރިސްޓުން)، އިޓަލީ (66،929 ޓޫރިސްޓުން)، އެމެރިކާ (42،291 ޓޫރިސްޓުން)، ފްރާންސް (31،379 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް 21،349 ޓޫރިސްޓުން އަދި އޮސްޓްރޭލިއާ (18،636 ޓޫރިސްޓުން) އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މި މަހުގެ 19 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 1،016،719 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
މި އަހަރު ރާއްޖޭގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.