Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ދަރަނި ދައްކާނީ އަމިއްލަ އަށް: ސިޔާމު

ހިލްޓަން މައްސަލައިގައި ސަން ޓްރެވެލްސް އިން ދައްކަން ޖެހޭ ފައިސާ މި ސަރުކާރުން ދައްކައި ދޭން ނުޖެހޭނެ ކަމަށާއި އެ ފައިސާ ދައްކާނީޅ ކުންފުނިން އަމިއްލަ އަށް ކަމަށް ސަން ގްރޫޕްގެ ވެރިޔާ އަހުމަދު ސިޔާމު މުހައްމަދު ވިދާޅެއްވެއްޖެ އެވެ.

ހިލްޓަން އަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައި އޮތް މައްސަލައެއްގައި މިދިޔަ ހަފުތާގެ ތެރޭގައި ސިންގަޕޫރުން ސިޔާމު ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާކޮށްފައި ވަނިކޮށް އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ، ސިޔާމް ރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ ފުރުން މަނާ ނުކުރާ ކަމަށެވެ. އަދި އެއީ ވަކި ބަޔަކު އަޑީގައި ތިބެގެން ފެތުރި ދޮގު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ހިލްޓަން މައްސަލައިގައި ސަން ޓްރެވެލްސް އިން ދައްކަން ޖެހިފައި އޮތް ދަރަނި މިހާރު ސަރުކާރށް ދައްކަން ޖެހިފައިވާ ކަމަށް ބުނެ ވަރަށް ގިނަ ކަންބޮޑުވުން ފާޅުކޮށްފައިވާތީ ސަރުކާރާ މި އަހަރު ކޯލިޝަން ހެދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރު ވިދާޅުވީ ދަރަންޏާ ސަރުކާރުން ހަވާލު ނުވާ ކަމަށެވެ.

"ލާރި، އަޅުގަނޑަކަށް ދިވެހި ސަރުކާރުން ދައްކާފައެއް ނެތް. އަދި ދައްކަން އަޅުގަނޑު ރިކުއެސްޓެއް ވެސް ނުކުރަން،" ރާއްޖޭގެ ރިސޯޓް ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. "އަޅުގަނޑު ލާރި ހޯދަނީ ދުނިޔޭގެ އެކި ބޭންކުތަކުން. ތިބޭފުޅުންނަށް ވެސް އެނގިލައްވާނެ، އަޅުގަނޑަކީ ދުނިޔޭގެ ހުރިހާ ބޭންކުތަކަކުން ލާރި ނަގާފައި ހުރި މީހެއް. [އެހެންވީމަ] ދިވެހި ސަރުކާރަކުން ދައްކާކަށް ނުޖެހޭނެއެއް ނޫންތޯ. އަޅުގަނޑު މިއީ ވިޔަފާރިވެރިއެއް ނޫންތޯ. އަޅުގަނޑެއް ނޫންތޯ އެކަން ހައްލު ކުރާނީ. ދިވެހި ސަރުކާރާ ބެހޭކަމެއް ނޫނެއް ނޫންތޯ އެއީ."

ހިލްޓަން މައްސަލާގައި ސިންގަޕޫރުގެ ހައި ކޯޓުން އޮތީ އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ސަން ގްރޫޕުން ދެއްކުމަށް އަމުރެއް ނެރެފަ އެވެ. ސަން އިން ހިލްޓަނަށް 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަންޖެހުނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލާ ހަވާލުކުރި އެއްބަސްވުން 2013 ގައި ބާތިލުކުރި މައްސަލައިގަ އެވެ.

މި މައްސަލައިގައި ސަން އިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ހުކުމްކުރީ އޮގަސްޓް 17، 2015 ގަ އެވެ. އަދި އެ އަމުރު ތަންފީޒުކުރަން ހިލްޓަނުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން އޮގަސްޓް 2020 ގައި ސަން ޓްރެވަލްގެ އެކައުންޓްތައް ފްރީޒް ވެސް ކުރި އެވެ.