ކިޔެވި ދުވަސްވަރު ހިސާބު މާއްދާ އަށް ވަރަށް ދަށް ކަމަށާއި ބައެއް ފަހަރު އިމްތިހާނުތަކުގައި އެ މާއްދާ އިން ސުމެއް ވެސް ލިބިފައިވާ ކަމަށް ބޮލީވުޑްގެ ތަރި ރަންވީރު ސިންގު ބުނެފި އެވެ.
މި މަހުގެ 28 ގައި ރިލީޒްކުރާ އޭނަގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޕްރޮމޯޝަންގެ ތެރެއިން އިއްޔެ ވެރިރަށް ނިއު ދިއްލީގައި ބައި ލައްކައަށް ވުރެ ގިނަ ދަރިވަރުންނާ އެކީ ޑައިރެކްޓަރު ކަރަން ޖޯހަރާއި ބަތަލާ އާލިއާ ބަޓާ އެކީ ބޭއްވި އިވެންޓްގައި ރަންވީރު ސްކޫލް ދައުރުގެ ވަރަށް ގިނަ ހަނދާންތަކެއް ހިއްސާކޮށްފައިވެ އެވެ.
އެގޮތުން އަބަދު ވެސް ހިސާބަކީ ވަރަށް ދަށްކޮށް ދިޔަ މާއްދާއެއް ކަމަށާއި އެކަމާ ހެދި ޓީޗަރުންނާއި މައިންބަފައިން ވެސް ވަރަށް ކަންބޮޑުވެގެން އުޅުނު ކަމަށް ބުންޏެވެ. އަބަދު ވެސް ވަރަށް ފޯރިގަދަކޮށް އަދި ވަރަށް ސަކަރާތް ބޮޑުކޮށް އުޅޭ އެކްޓަރު ބުނި ގޮތުގައި ކިޔެވި ދުވަސްވަރުގައި ވެސް އޭނަ އަކީ އެހާ ހަލަނިކޮށް، ސަކަރާތް ބޮޑު މީހެކެވެ. އެކަމަކު އަބަދު ވެސް އޭނަ އަކީ ވަރަށް ކްރިއޭޓިވް އަދި ކަންކަމާ ވަރަށް ފޯރި އާއި ޖޯޝާ އެކީ ކުރިމަތިލާ މީހެއް ކަމަށް މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ބުންޏެވެ.
ރަންވީރަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ.
އޭނަ އިންޑަސްޓްރީ އަށް ނުކުތީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2010 ގެ ފިލްމު "ބޭންޑް ބާޖާ ބާރާތު" އިންނެވެ. އޭގެ ފަހުން ވަރަށް ކާމިޔާބު ފިލްމުތަކެއް ރަންވީރު ކުޅެފައިވާ، އޭނަ އަކީ އެންމެ ވަރުގަދަ ޑައިރެކްޓަރުން ލޯ އަޅާ އެކްޓަރެކެވެ.
އެގޮތުން އާ ފިލްމުގައި ކަރަންއާ އެކީ މަސައްކަތް ކުރަން ލިބުމުގެ ކުރިން އަދިތިޔާ ޗޯޕްޅާ އާއި ސަންޖޭ ލީލާ ބަންސާލީ އާއި ކަބީރު ޚާނާއި އަލީ އައްބާސް ޒަފަރާއި ރޯހިތު ޝެޓީ އާއި އަދި ޒޯޔާ އަހްޓަރު ފަދަ ކުޅަދާނަ ޑައިރެކްޓަރުންގެ ފިލްމުތައް ރަންވީރު ކުޅެފައިވެ އެވެ.