ސްވިޑެންގް ސްޓޮކްހޯމްގައި ހުންނަ އިރާޤުގެ އެމްބަސީ ކުރިމަތީ ގުރުއާނަށް އިހާނެތިކޮށް ހިތި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިކަން ކުއްވެރިކޮށް ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ސްވިޑެންގައި ހުންނަ އިރާގުގެ އެންބަސީ ކުރިމަތީ ޤުރުއާނަށް އިހާނެތިކޮށް ހިތުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. އަދި މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެތައް މިލިއަން މުސްލިމުންގެ ދީނީ ރޫހަށް އިހާނެތިކޮށް ހިތައި ޖެއްސުން ކޮށް ދެމުންދާ އަނިޔާއެއް ކަމަށެވެ. އަދި އިސްލާމް ދީނާއި ދެކޮޅަށް ކުރަމުންދާ މިފަދަ ޢަމަލުތަކަކީ އެކަތިގަނޑަކަށްވެ ތިބެ މަސައްކަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުން މިފަދަ ކަންކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުން މުހިންމުކަން ފާހަގަކޮށްފައެވެ. އަދި އިސްލާމް ދީނާއި ދެކޮޅަށް ކުރެވޭ މިފަދަ ޢަމަލުތައް ދެވަނަ ފަހަރު ތަކުރާރުވެ ނުދިނުމަށްވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ސްވިޑެންގައި މިދިޔަ އަޟްޙާ ޢީދު ދުވަހު ވަނީ ޤުރުއާން އަންދާވެސް ލާފައެެވެ. މިކަން ކޮށްފައިވަނީ ސްވިޑެންގެ ފުލުހުންގެ ހިމާޔަތުގެ ދަށުން ސަލްވާން މޫމިކާ ކިޔާ މީހެކެވެ. ބުރާސްފަތި ދުވަހު އިރާގު އެމްބަސީ ކުރިމަތި ހިނގި ކަންތަކަކީވެސް އޭނާ އެއްބައިވެގެން ހިނގާފައިވާ ކަންކަމެވެ. ނަމަވެސް ބުރާސްފަތި ދުވަހު ސްވިޑެންގައި ހިންގި ކަންކަމުގައި ޤުރުއާން އަންދާ ނުލެވެއެވެ.