އައްޑު އަކީ ގިނަ ސެލޫންތަކެއް ހިންގަމުން އަންނަ ތަނެކެވެ. ހާއްސަކޮށް އާދައިގެ ސެލޫންތަކެވެ. އާންމުކޮށް ގިނަ ފިރިހެނުން ބޯކޮށައި ތުނބުޅި/މަތިމަސް ހެދުން ފަދަ ކަންކަން ކުރަނީ މިފަދަ ސެލޫންތަކުގަ ވެ. އެހެންވެ މިއީ ބޮޑު ވިޔަފާރިއެކެވެ.
އައްޑޫގައި ހިންގާ ހުރިހާ ސެލޫންތަކެއްގައިގެން ހިދުމަތް ދޭން ތިބެނީ ބޭރު މީހުންނެވެ. ހަގީގަތަށް ބަލާ ނަމަ މުޅި ތަން މެނޭޖްކުރަނީ އެ މީހުންނެވެ. ވެރިމީހާ އަށް އޮންނަނީ ސެލޫންތައް ބަންދުކުރާ ގަޑީގައި ފައިސާއާއާ ހަވާލުވެވެ. ސެލޫންތައް ހިންގާ ފެންވަރަށް ބަލާ އިރު، އޭނަ ބަލަން ޖެހޭ އިތުރު ކަމެއް، ނަގަން ޖެހޭ އިތުރު ޒިންމާއެއް އޮންނަ ކަމެއް ތަންތަނުގެ ހާލަތުން ވަޒަންކޮށްލެވެ އެވެ.
އެކަމަކު ދައްކަން މި އުޅެނީ ސެލޫން ހިންގައިގެން ހޯދާ އާމްދަނީގެ ވާހަކައެއް ނޫނެވެ. ދައްކަން އޮތީ ސެލޫންތަކުން އާމްދަނީއާ ނުބައްދަލުހާ ދަށް ފެންވަރުގައި ގިނަ ސެލޫންތައް ހިންގާ ވާހަކަ އެވެ. އަައްޑޫގައި ހުރި އާދައިގެ ގިނަ ސެލޫންތަކަކީ ކުދިކުދި ގޮޅި ކަހަލަ ތަންތަނުގައި ހިންގާ ތަންތަނެވެ. ބައެއް ތަންތަނުގެ އިމާރާތް ވަރަށް ބަލެވެ. ފާރުން ކުލަވެއްޓި، ސީލިން ހެލިހެލި ހުރި ތަންތަނާއި އޭސީ ނުކޮށް ހުންނަ ތަންތަން ވެސް މަދެއް ނޫނެވެ.
އެފަދަ ތަނަކަށް ހިދުމަތް ހޯދަން ވަދެއްޖެ ނަމަ މީހާ ދާހިއްލައި ފޯވާނެ އެވެ. އަނެއްކޮޅުން އެފަދަ ތަންތަނުގެ ނުތާހިރުކަން ބޮޑުކަމުން ދުވާ ވަހުން ވެސް ކެތްވާވަރު ނުވާ ތަންތަން މަދެއް ނޫނެވެ.
ޖުމްލަކޮށް ފާހަގަކުރެވޭ ކަމަކީ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ހިދުމަތް ހޯދާ އައްޑޫގެ ގިނަ ސެލޫންތަކުގެ ވަރަށް ނުތާހިރުކަމެވެ. އެތަންތަން އޮންނަނީ ބޯކޮށަން އޮންނަ މީހާ އަށް އެއްކޮށް ދޫކޮށްލައިފަ އެވެ. ވެރިޔަކު ބަލަން ޖެހޭ ވަރުގެ ކަމެއް ނޯވެ އެވެ. ނަތީޖާ އަކީ ސެލޫންތަކުގެ ސާފުތާހިރުކަން އިންތިހާ އަށް ކުޑަވުމެވެ.
މުޅި ތަނުގައި އިސްތަސްޓެވެ. ބޯ ދޮންނަ ނުވަތަ އަތްދޮންނަން ހުންނަ ތަށި ފަދަ ތަކެތި ސާފުނުކުރާތީ އެ އެއްޗެހީގެ އަސްލު ކުލަ ސާފުވާވަރެއް ނޫނެވެ. އަދި އެފަދަ އެއްޗެހީގައި ވެސް ހުސް އިސްތައްޓެވެ. ގިނަ ސެލޫންތަކުން އާންމުކޮށް ފެންނަނީ ބޯކޮށައި ނިންމާފައި، ފިހިގަނޑަކުން އިސްތަށިތައް ސެލޫންގެ ކޮންމެވެސް ކަނަކާ ދިމާއަށް ޖަމާކޮށްފައި ހުންނަ ތަނެވެ. އޭގެ ސަބަބުން މުޅި ތަނަށް އޮންނަނީ އިސްތަި ބުރައިފަ އެވެ. ގިނަ ސެލޫންޔަކަކީ ފައިވާން ބާލާފައި ވަންނަ ގޮތަށް ހުންނަ ތަންތަން ކަމަށް ވިޔަސް، ތަނުގެ ނުތާހިރިކަމުން ހުސްފަތާ ވަންނަން ޖެހިލުންވެ އެވެ. އަނެއްކޮޅުން ފައިވާން ބާލާފައި ވަންނަ ގޮތަށް އޮތަސް، ފައިވާނާ އެކީ ވަންނަން މަޖުބޫރުވެ އެވެ.
މިހެން ގޮސް ކިޔާނެއް ކަމެއް ނެތެވެ. ފަކުރު ގަންގަނާ ކަންކަމެވެ. ބޭނުންކުރާ އެއްޗެހި ވެސް ރަނގަޅަކަށް ނުބަލައްޓަ އެވެ. ސެލޫންއަކަށް ވަދެލައިފި ނަމަ އެންމެ ބޮޑަށް ފާހަގަކުރެވޭނެ އެއް ކަމަކީ ބޯކޮށަން އިށީންކާ ގޮނޑިއާ ދިމާ އަށް އިންނަ ކައުންޓަރު މަތީގެ ތަރުތީބުކަން ކުޑަކަމާއި ތަނުގެ ނުތާހިރުމަކެވެ.
ބޯކޮށަން އަޅާ ފޮތިގަނޑާއި ބޭނުންކުރާ ތުވާއްޔައި ބޭނުންކުރާ ބުރުހާއި ސްޕޮންޖާއި ފުނަލާއި މިހެން ގޮސް ސެލޫންއަކުން ފެންނާނެ އާންމު ހުރިހާ އެއްޗެއް އައްޑޫގެ އާދައިގެ ގިނަ ސެލޫންތަކުން ފާހަގަކުރެ އެވެ. ތުވާލި ފަދަ ތަކެތި ވެސް ނުދޮވެ، ބޭނުންކުރުން ެހާ އާންމެވެ. ބޯކޮށް އަޅާ ފޮތިގަނޑުގައި ދުވާ ވަހުން ނޯއް ދަމާލަން ނުކެރޭ ފަހަރުތައް ވެސް މަދެއް ނޫނެވެ.
މިއީ ހަގީގަތުގައި އާންމު ސިއްހަތާ ގުޅުން ކަންކަމެވެ. ސެލޫންތަކަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ހިދުމަތް ތަންތަނަށްވުމާ އެކީ އެތަންތަނުގެ ނުތާހިރުކަން ކުޑަވުމަކީ ބަލިތަކަށް ވެސް މަގުފެހިވެދާނެ ކަމެކެވެ. ހަގީގަތުގައި މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ތަންތަނުން ހިދުމަތް ހޯދަނީ ހަމައެކަނި ދިވެހިންނެއް ވެސް ނޫނެވެ. ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިދުމަތް ހޯދަ އެވެ.
އާދައިގެ ގިނަ ސެލޫންތަކުން ކަންބޮޑުވާ ކަހަލަ މަންޒަރުތައް ފެނުނަސް ވަރަށް ރަނގަޅަށް ހިންގާ އާދައިގެ ސެލޫންތަކެއް ވެސް އައްޑޫގެ ބައެއް އަވަށްޔަކުގައި ހުރިކަން ފާހަގަކުރެވެ އެވެ.
އައްޑޫގެ ސެލޫންތަކުން އާންމުކޮށް މި ފެންނަ ނުތާހިރުކަން ނައްތައިލަން އެބަޖެހެ އެވެ. ސުވާލަކީ އެކަން ކުރާނީ ކޮން ބައެއް ހެއްޔެވެ؟ ކުރިން ވެސް ފާހަގަކުރި ގޮތަށް ސެލޫންތައް ހުޅުވާފައި ވެރިން އެއިން ތަނެއްގެ ހާލަތެއް ނުބަލަ އެވެ. ފެންނަ މަންޒަށް ބަލާ އިރު، މިއީ ހިދުމަތަކަށް ވުރެ ބޮޑަށް ކުރާ ވިޔަފާރިއެކެވެ.
ތަން ކޮންމެ ގޮތަކަށް ހުއްޓަސް، ތަނުގެ ސާފު ތާހިރުކަން ކޮންމެ ފަދަ ގޮތަކަށް އޮތަސް ސެލޫންތައް ހިންގާ މީހުންގެ ޖީބަށް ލާރީ ވަނީމައި ނިމުނީ އެވެ. އަނެއް ކަމަކީ މިއިން އެއްވެސް ކަމެއް ބަލާނެ ޒިންމާދާރު ފަރާތެއް ނެތްކަމެވެ. ކައުންސިލަކުން އަޅައެއް ނުލަ އެވެ. އައްޑޫގައި ޕަބްލިކް ހެލްތު ޔުނިޓެއް ވެސް އޮންނަނީ ނަމަކަށެވެ. މިއިން ތަނަކަށް ޝަކުވާއެއް، ކަންބޮޑުވުމެއް ހިއްސާކުރިޔަސް ވާކަމެއް ވެސް ހަރާމެވެ.