ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހައްޔަރު ކުރި ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދަށް އިތުރު 10 ދުވަސް ދީފިއެވެ.
މަމްދޫހުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވަނީ ބުރާސްފަތި ދުވަހުއެވެ.
މަންޑޭ ހައްޔަރުކުރިއިރު އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޮތީ ބާތިލުކޮށްފައެވެ. ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން، 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހުއެވެ.
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ގޮތެއް ނިންމުމާ ހިސާބުގައެވެ.
މަންޑޭގެ ބަންދު ޖެހުމަށް ކޯޓަށް ގެންދިއުމުން ފުލުހުން ކޯޓުގައި ބުނެފައިވަނި، މަންޑޭގެ ކުންފުނީގެ އޮފީސް ބަލައި ފާސްކުރިއިރު، ބައެއް ކޮމްޕިއުޓަރ ސިސްޓަމްތަކުގެ ސީޕީޔޫ އާއި މައްސަލައާ ގުޅުންހުރި ބައެއް އެގްރިމަންޓް މަދު ކަމަށެވެ. އަދި ބައެއް އެޕާޓުމަންޓުތައް ޑަބަލް ކޮށް އެކި މީހުންނަށް ވިއްކުމަށްފަހު، މަމްދޫހުގެ އަމިއްލަ ބޭނުމަށް އެ ފައިސާ ބޭނުންކޮށްފައިވާކަން މައްސަލައިގެ ތެރެއިން ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޖިން ޝިހޫގެ ފަރާތުން އެ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. ހަންބޯ ކުންފުނީގެ މެޖޯރިޓީ ޝެއާ ހޯލްޑަރަކީ ޖިން ޝިހޫއެވެ. މައިނޯރިޓީ ހިއްސާދާރު މަމްދޫހުގެ އަތުގައި އޮންނަނީ ފަސް ޕަސެންޓް ހިއްސާއެވެ.