މާލޭގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މާލޭގައި ހިންގަމުންދިޔަ ސްޕާއެއްގައި ހަށިވިއްކަމުންދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 20 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްއާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި، އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަންސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި 34 އަހަރުގެ ބިދޭސީ 2 އަންހެނުންނާއި، 43 އަހަރުގެ ބިދޭސީ އިންހެނަކާއި، 38 އަހަރު އަދި 39 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވެއެވެ. ފުލުހުން ބުނެފައިވަނީ އޭގެތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށެވެ.
މިމައްސަލައިގައި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 21 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން 3 އަންހެނުންގެ ބަންދަށް 15 ދުވަސް، 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް އަދި 39 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 5 ދުވަސް ދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.