Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

އިންތިހާބާ ގުޅޭ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމްކޮށްފި

ފޮޓޯ: މިހާރު

އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ބެހޭ ޝަކުވާ ހުށަހެޅުމަށް "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" ދަރުބާރުގޭގައި ޤާއިމްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށް ބުނެފައިވަނީ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ލިބޭނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަސްފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 3:00 އާއި ހަމައަށެވެ. އަދި ހުކުރު ދުވަހު މެނދުރުފަހު 14:00 އިން 17:00 އަށް ބިއުރޯގެ ޚިދުމަތް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިންތިހާބާއި ބެހޭ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން، އިންތިޚާބާ ބެހޭ މަރުކަޒުން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން، ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމް ކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އީމެއިލް މެދުވެރިކޮށްވެސް ޝަކުވާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. މީގެ އިތުރުން ބިއުރޯއަށް ގުޅޭނެ ނަންބަރުތައް ވެސް އެކޮމިޝަނުން ވަނީ އާންމުކޮށްފައެވެ. ޝަކުވާތަކާއި ގުޅޭގޮތުން ގުޅާނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ.

އިންތިހާބާއި ބެހޭ ޝަކުވާތައް ހުށަހަޅުމަށް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމްކުރިއިރު، މިއަދު އެ ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މާދަމާއިން ފެށިގެން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަންނަ އިރު، އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަަމައަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.