ވެރިކަމަށް އައިސްފިނަމަ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ޖުމްހޫރީ ޕާޓީ ވާނެ ކަމަށް ގާސިމްގެ އެޑްވައިޒަރު، ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
މާލޭގައި ޖޭޕީގެ ދޮރުން ދޮރަށް ހަރަކާތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ގިނަ ބައެއްގެ ވިސްނުން ހުންނަނީ އެމީހެއް ގާތު ފުރަތަމަ ބުނާ މީހަކަށް ވޯޓު ދިނުމަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން ގާތު ވޯޓު ދިނުމަށް އެދުމަކީ ދޮރުން ދޮރަށް ހަރަކާތުގެ ތަޅުދަނޑި ކަމަށެވެ.
ނިހާން ވިދާޅުވީ ވަރަށް މަދު ބޭފުޅަކު ފިޔަވައި ޤާސިމްއާ މެދު ޒާތީކަމެއް އޮންނާނެ ބޭފުޅަކު ހުންނާނެކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ. ޖޭޕީއަކީ ހުރިހާ ޕާޓީއަކަށް އެހީތެރިވެދޭ ޕާޓީކަމަށް ވާތީ އަދި ވެރިކަންތައް ގާއިމުކުރެވިގެންދަނީ ޖޭޕީގެ އެހީތެރިކަމާއެކުކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި ވެރިކަމަށް އައިސްފިނަމަ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ޖުމްހޫރީ ޕާޓީ ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަބަދުވެސް ޖުމްހޫރީ ޕާޓީއަކީ މިހުރިހާ ޕާޓީތަކަށް އެހީތެރިވެދޭ ޕާޓީކަމާ އަދި ވެރިކަންތައް ގާއިމުވެގެންދަނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމުގަކަން، އަދި ޖުމްހޫރީ ޕާޓީ ވެރިކަމަށް އައިސްފިކަމަށްވާނަމަ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކަށް ވާނީ ޖުމްހޫރީ ޕާޓީކަން މިއީ ޝައްކެއް އޮތް ކަމެއް ނޫން." ނިހާން ވިދާޅުވިއެވެ.
ނިހާން ވަނީ ދޮރުން ދޮރަށް ވަޑައިގަންނަވާ ބޭފުޅުން ޤާސިމަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް ދައުވަތު ދެއްވުމަށް އިލްތިމާސް ކުރައްވައިފިއެވެ.
ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ، އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނަމުންދާއިރު، ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.