Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ޔާމީންގެ ކެންޑިޑޭސީގެ މަސައްކަތް ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭސީ ފޯމް ފުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕީޕީއެމްއިން ހާމަކޮށްފިއެވެ.

ޕީޕީއެމްއިން މިކަން ހާމަކޮށްފައިވަނީ، އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމާއިއެކު، ރައީސް ޔަމީންގެ ފޯމު ހުށަހަޅާނެތޯ ނޫސްވެރިން ކުރަމުންދިޔަ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޔާމީން ކެންޑިޑެސީ ފޯމު ފުރުމާއި ގުޅޭ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި ފޯމު ހުށަހަޅަން ދާނެ ތަރީހެއް ހާމަކޮށްފައި ނުވެއެވެ.

މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން އިންތިހާބަށް ކުރިމަތިލުމާއި މެދު، ގިނަ ބައެއްގެ މެދުގައި އޮތީ ސުވާލު އުފެދިފައެވެ. ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތްތައް ހައިކޯޓުގައި ފެށިގެން ކުރިއަށްދިޔަ ނަމަވެސް މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން އެ މައްސަލަ މިހާރު ވަނީ މަޑުޖެހިފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް މިއަދު ފުރުސަތު ހުޅުވާލާފައިވާއިރު، މާދަމާއިން ފެށިގެން ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަންނަން ފަށާނެ އެވެ. އެގޮތުން މިއަން އޯގަސްޓް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ފޯމު ބަލައިގަތުމުގެ ކުރިއަށް ދާއިރު، މި މުއްދަތުގައި ޔަމީންގެ އިސްތިއުނާފުގެ މައްސަލައަށް ގޮތެއް ނިމުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

މިމައްސަލާގައި ޕީޕީއެމްއިން ތަކުރާރުކޮށް ބުނަމުންދަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ދަނީ ބުނަމުންނެވެ. އަދި ޔަމީންއަށް ކުރިމަތި ނުލެވޭ ހާލަތެއްގައި، ޢަމަލު ކުރާނެ ގޮތަކާއި މެދުވެސް އެޕާޓީން ވާހަކަ ދައްކަން ބޭނުން ނުވެއެވެ.

މިމައްސަލާގައި ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވީ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކެންޑިޑޭޓެއްގެ ފޯމު ހުށަހެޅިދާނެ ކަމަށާއި، ނަމަވެސް އެ ފޯމު އިލެކްޝަންސް ކޮމިޝަނުން ޤާނޫނުގައިވާ ގޮތުގެ މަތިން ބަލައި ނުގަންނާނެ ކަމަށެވެ.