އަންނަ އަހަރު އެއާސާވިސެސް ވޯލްޑް ކޮންގްރެސް ބޭއްވުމުގެ ފުރުސަތު މޯލްޑިވްސް އެއާޕޯޓްް ކޮމްޕެނީ ލިމިޓެޑް ދަށުން ހިންގާ ވެލާނާ އެއާޕޯޓަށް ލިބިއްޖެއެވެ.
މިކަން އިއުލާންކޮށްފައިވަނީ އެމެރެކާގެ ސެން ފްރާންސިސްކޯގައި މިމަހުގެ 17 އިން 19 އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް ހަރަކާތެއްގެ ތެރެއިންނެވެ. މި ކޮންގްްރެސްގައި ބައިވެރިވެވަޑައިގެން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށާއި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބައްލަވާލެއްވުމަށް ދައުވަތު ދެއްވާފައެވެ.
އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުން ބައިވެރިވާނެއެވެ. އެގޮތުން ގުޅުން ބަދަހިކޮށް ބައިނަލްއަޤްވާމީ އެވިއޭޝަން ދައިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.
އިންޑިއާ ކަނޑު ދުނިޔޭގެ އެކި ހިސާބުތަކަށް ގުޅުވާލަދޭ، މައި ހަބެއްގެ ހައިސިއްޔަތުން، ރާއްޖެގައި އޭވިއޭޝަން އިންޑަސްޓްރީގެ ވާހަކަތައް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބުނު ޝަރަފެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލްއިން ބުނީ ރާއްޖޭގައި ބޭއްވޭ މި ކޮންގްރެސްގެ ތެރެއިން، ކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތްދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުފަހިވެގެން ދާނެ ކަމަށެވެ. އަދި މި މުޢާމަލާތްތަކުގެ ސަބަބުން، ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުތަކަށް ދަތުރު ކުރާނެ އެއަރލައިންތައް އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ. މިއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިސާދަށް އަދި މުޅި ވައިގެ ހިދުމަތް ކުރިއެރުމަށް އާ ވިސްނުންތަކާއި، އީޖާދީ ގޮތްތައް ހޯދުމުގެ މަގުފަހިވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މި ކޮންގްރެސް ވެލާނާ އެއާޕޯޓުން ހޮސްޓްކުރުމާއި ގުޅޭގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ މަހްޖޫބު ޝުޖާއު ވިދާޅުވީ، އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތަށް މި މުހިންމު ހަރަކާތުން އަލިއަޅުވާލެވިގެންދާނެ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އިންފްރާސްޓްރަކްޗާ ބަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މި ކޮންގްރެސްގެ ސަބަބުން އަޅުގަނޑުމެންނަށް މި ކުރިއެރުންތައް ދައްކުވައިދީ، ބައިނަލްއަޤްވާމީ އެއާލައިންތަކާއެކު ގުޅުން ބަދަހިކުރުމަށް އަގުހުރި ފުރުޞަތުތައް ލިބިގެންދާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ސަބަބުންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރިއެރުމުގެ ވާހަކައިގެ އާ ބާބެއް އުފެދި، މިސަރަހައްދުގެ ލީޑިން އެއާޕޯޓް އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގުއިތުރަށް ހަރުދަނާވެގެންދާނެ." އެމްޑީ ޝުޖާއު ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ވަނީ މިއީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް ބުނެފައެވެ. އެގޮތުން އެވިއޭޝަން ދައިރާގެ ގިނަ ފަރާތްތަކުން އަންނައިރު ރާއްޖެއަށް އިތުރު އެއާލައިންތައް ގުޅުވައި، ފަތުރުވެރިކަން ޕްރޮމޯޓް ކުރަންވެސް ކޮންގްރެސްގެ ތެރެއިން ފުރުސަތު ލިބޭ ކަމަށް އެކުންފުނިން ޤަބޫލު ކުރެއެވެ.
މިއީ އޭވިއޭޝަން ދައިރާގެ މިފަދަ ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.