ރާއްޖޭގެ ފިލްމީ ބަތަލާ ފާތުމަތު (ފަރީލާ) ވެރިކަން ކުރާ އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.
ފަރީލާ އެމްޑީޕީ އަށް ސޮއިކުރި ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފަރީލާގެ އިތުރުން ކުޅަދާނަ މިއުޒީޝަން އަދި ފިލްމީ ތަރި ހުސައިން ސޮބާހް (ސޮބާ) ވެސް ވަނީ އިއްޔެ އެމްޑީޕީ އަށް ސޮއިކޮށްފަ އެވެ.
ނެށުންތެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ފަރީ، 37، އަކީ މިހާރު ފިލްމުތަކާއި ސީރީޒްތަކުން ވަރަށް މަދުން ނޫނީ ނުފެންނަ ބަތަލާއެކެވެ. ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ކުރީގެ އަންހެނުން ފަރީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވާ ލޯބި އެނގޭ ނަމަ"، "ހެޔޮނުވާނެ"، "އަނިޔާ"، "އިންސާނާ" އަދި "ވީ ބޭވަފާ" ހިމެނެ އެވެ.
އެމްޑީޕީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ އިރު މިދިޔަ މަހުގެ ނިޔަލަށް އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދު 58،000 އަށް އަރަ އެވެ.
އެ ޕާޓީ އަކީ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ އެވެ.