އަންނަ މަހު އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ އައި ފިލްމްސް "ނީނާ" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
އެ ސްޓޫޑިއޯ އިން ބުނީ ފިލްމުގެ ޓިކެޓް އޮލިމްޕަހުގެ ކައުންޓަރުން ގަންނަން ލިބުމުގެ އިތުރަށް ހޮޓްލައިން ނަމްބަރު 7242555 އަށް ގުޅައިގެން ނޯޓް ވެެސް ކުރެވޭނެ ކަމަށެވެ.
ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "ނީ" އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އޭނަ 2019 ގައި ގެނެސްދިން "ބަވަތި" ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ޓައިޓްލް ރޯލު ކުޅެފައިވާ ފިލްމުގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ ހަމްދޫން ފާރޫގް، ނަތާޝާ ޖަލީލު އަދި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ފަދަ ތަރިން ހިމެނެ އެވެ.
އަންނަ މަހުގެ 6 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ނީނާ" އަކީ މި އަހަރު އޮލިމްޕަހަށް ގެންނަ ފަސް ވަނަ ފިލްމެވެ. އެތަނުގައި މި މަހުގެ 19 އިން ފެށިގެން ދައްކަމުން އަންނަކީ ސްރީ ލަންކާގެ ކާސްޓެއް ހިމަނައިގެން އަލީ ސީޒަން ޑައިރެކްޓްކުރި ބިރުވެރި ފިލްމު "ކައުޝި" އެވެ.
މި އަހަރު އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފެބްރުއަރީގައި ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދިން ޑްރާމާ ފިލްމު "ބީވީމާ" އެވެ. އޭގެ ފަހުން މެއި މަހު ސީޒަންގެ އިރޮޓިކް ތުރިލާ "ލޯބިވެވިއްޖެ" އަދި އެޕްރީލްގައި ވިޝާލް ޒަކީގެ ކޮމެޑީ ފިލްމު "ވަނާޖުބޭސާ" އޮލިމްޕަހުގައި ދައްކާފައިވެ އެވެ.
އޮލިމްޕަހުގެ ސްކްރީނަށް ވެރިފައި އޮތް ފަޅުލަން ފިލާފައި މި ވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ކޮވިޑާ ހެދި އެތަން 2020 ގެ މާޗްގެ ކުރީކޮޅުގައި ބަންދުކޮށް، އަލުން ހުޅުވައި، އެޅުވި ފުރަތަމަ ފިލްމަކީ "ބީވީމާ" އެވެ.