Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

އައްޑޫ ކައުންސިލަށް ދިވެހިން ނުލިބޭތީ ބިދޭސީން ގެންނަނީ!

އައްޑޫސިޓީ ކައުންސިލް ޕަބްލިކް ވޯކްސްގެ މުވައްޒަފުން / ފޮޓޯ: ހިތަދޫ އަވަށު އޮފީސް

އައްޑޫގެ އަވަށްތައް ޕަބްލިކް ވޯކްސްއަށް އިއުލާންކޮށްގެންވެސް ދިވެހިން ނުލިބޭތީ ބިދޭސީން ގެނައުމަށް ނިންމާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ، ހޮނިހިރު ދުވަހުގެ ރޭ އައްޑޫސިޓީ ކައުންސިލު އިދާރާއިން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ކައުންސިލުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، މިހާރު ކުރިއަށްދާ މަސައްކަތުގެ މައުލޫމާތު ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އައްޑޫއަކީ ބިމުގެ ގޮތުން ރާއްޖޭގައި ބަލަހައްޓަން ޖެހޭ އެންމެ ބޮޑު އެއް ސަރަހައްދު އޮތް ތަން ކަން މޭޔަރ އަލީ ނިޒާރު ފާހަގަ ކުރެއްވިއެވެ.

"ދިވެހިން ހޯދަން އުނދަގޫތަކެއް އެބަހުރި. އިއުލާން ކުރިއަށް ދިވެހިން ނުލިބޭތީ، ބިދޭސީން ހޯދަން ކައުންސިލުން ނިންމައި، ބަޔަކާ ހަވާލުވެ ކޮންޓްރެކްޓްވެފަ އިނީ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް މަހެއް ދެ މަހެއް ތެރޭ މަސައްކަތަށް ބިދޭސީން ގެންނާނަން. އެއީ މަޖުބޫރުވެގެން " ނިޒާރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، މަޖުބޫރުވެގެން ކުރާ ކަމެއް ނަމަވެސް، ސިޓީ އަކީ ސާފު ތާހިރުކޮށް އޮންނަ ތަނެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށެވެ.

މިގޮތަށް ބިދޭސީން ގެނައުމަށް ނިންމާފައިވީ ނަމަވެސް ގެންނަނީ ކިތައް ބިދޭސީން ކަމެއް ކައުންސިލުން ހާމަކޮށްފައި ނުވެއެވެ.

ނިޒާރުގެ ވާހަކައިގައި މިވަގުތު ކައުންސިލަށް ނިސްބަތްވާ 450 މުވައްޒަފުން އެބަތިބި ކަމަށެވެ. ނަމަވެސް އަވަށްތައް ބެލެހެއްޓުމަކީ މިވަގުތުވެސް ކައުންސިލަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ. މިއާއެކު ބޭނުންވާ ވަސީލަތްތައް ހޯދުމަށްވެސް ބަޖެޓުގައި ހިމަނައިގެން މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

ނިޒާރުގެ ވާހަކައިގައި، އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން ދާއިރު، މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދަޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މަގު ފޮޅާ ސާފު ކުރާނެ އިކުޕްމެންޓް ހޯދައި އެމަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.