Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ޔާމީނާ ވާދަކުރެވޭނެ މީހަކު ނެތް: ޝިޔާމު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާ ވާދަކުރެއްވޭ ވަރުގެ ކެންޑިޑޭޓެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވީ ޔާމީނަކީ މީސްމީހުންނާ ވާދަކުރައްވަން ވެސް އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އެއަށް ވުރެ އެ މަނިކުފާނުގެ ގާބިލުކަން ބޮޑު ކަމަށެވެ. އެހެންވެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ޝިޔާމު ވިދާޅުވި އެވެ.

"ﷲ އިރާދަފުޅުން އަޅުގަނޑުމެން މި ސަރުކާރު ނިންމާލާނީ. ފޮށިތަންމަތި ބަންނަންޏާ ބަންނަންވީ. އަޅުގަނޑުމެން ފުރުސަތު [ވާދަވެރިންނަށް] ނުދޭނަން. ރައީސް ޔާމީނަކީ މީސްމީހުންނާ ވާދަކުރާ މީހެއް ނޫން." އޭނަ ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ޔާމީން ނޫނީ ފިޔަވައި ގައުމަށްޓަކައި ގުރުބާންވާ އެހެން ސިޔާސީ ލީޑަރަކު ވެސް ނެތް ކަމަށެވެ.

"އެ މަނިކުފާނު ޖަލުގައި އޮންނެވި ކަމުގައިވިޔަސް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތެއް ނުހުއްޓޭނެ. އަޅުގަނޑުމެން މި ކުރަނީ ގައުމީ ޚިދުމަތެއް. ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތެއް." އޭނަ ވިދާޅުވި އެވެ. "މި ގައުމުގެ ފުލުހުންނާއި ސިފައިން ވެސް ކުރަނީ ސިޔާސީ މަސައްކަތް."

ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި އެ މަނިކުފާނު އަދި ހުންނެވީ އިންތިހާބުގައި ވާދަކުރެއްވޭ ހާލަތެއްގައެއް ނޫނެވެ. އެހެންވެ އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ޔާމީންގެ އިންތިހާބު ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އެ ކޯލިޝަން ބުނެފައިވާ ގޮތުގައި ޔާމީންގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަން އީސީ) އަށް ހުށަހެޅުމަށް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ސުންގަޑި ހަމަވާނީ އަންނަ މަހުގެ 7 ގަ އެވެ.