Last Updated: July 25, 10:39
Saturday, July 25, 2026
މުނިފޫހިފިލުވުން

ރިތިކްގެ އާއިލާ އަށް ޑޮކިއުމަންޓަރީއެއް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ އާއިލާ އަށް ބިނާކޮށް ޑޮކިއުމަންޓަރީއެއް ހަދަން ނިންމައިފި އެވެ.

މި ޑޮކިއުމަންޓަރީ ރިތިކްގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަން ޕްރޮޑިއުސްކޮށް، ޝަޝީ ރަންޖަން ކިޔާ މީހަކާ ހަވާލުކޮށްގެން ހަދަން ނިންމާފައިވާ އެއްޗެކެވެ.

ޑޮކިއުމަންޓަރީ ހާއްސަކުރަނީ ރިތިކްގެ ބައްޕަ ފަރާތު އާއިލާގެ ފިލްމީ މަސައްކަތްތަކާއި އެ މީހުންގެ ލެގަސީއަށެވެ. އެގޮތުން ބައްޕަ ރާކޭޝް އާއި ބޮޑުބޭބެ މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންގެ އިތުރުން އެ މީހުންގެ ބައްޕަ އަދި ކުރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ރޯޝަން ލާލް ނާގްރާތުގެ ލެގަސީ އަށް ޑޮކިއުމަންޓަރީގައި ވަރަށް ފުޅާކޮށް އަލިއަޅުވާނެ އެވެ.

މި ޑޮކިއުމަންޓަރީއާ ބެހޭ ގޮތުން ރާޖޭޝް ބުނީ އެކަމާ އޭނަ ވަަރަށް އުފަލުން ހުރި ކަމަށެވެ. އަދި މިއީ ރޯޝަންގެ އާއިލީ ފިލްމީ ހިދުމަތް ވަރަށް ބޮޑަށް ދައްކުވައި ދޭނެ ތާރީހީ މަސައްތަކަށް ވާނެ ކަމަށް ބުންޏެވެ.

ނަމަވެސް ޑޮކިއުމަންޓަރީ އަށް ކިޔާނެ ނަމަކާއި އޭގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.

ރިތިކް ބޮލީވުޑަށް ނުކުތީ ރާކޭޝް ޑައިރެކްޓްކުރި 2000 ވަނަ އަހަރުގެ "ކަހޯ ނާ…ޕިޔާރު ހޭ" އިންނެވެ. ރާކޭޝް ޑައިރެކްޝަނަށް ހުސްވުމުގެ ކުރިން އޭނަ އަކީ ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭނަ ޑައިރެކްޓްކުރި ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ފިލްމުތަކާއި "ކަރަން އަރުޖުން" އަދި "ހޫން ބާރީ މާންގް" ހިމެނެ އެވެ.

ރާޖޭޝް އަކީ މިހާތަނަށް އެތައް ފިލްމަކަށް މިއުޒިކް ހަދައި ދީފައިވާ މިއުޒިކް ޑައިރެކްޓަރެކެވެ.